އޭޕްރީލް މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅައި ބަލާއިރު 57 އިންސައްތަ ދަށްވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، (މީރާ) އިން އާއްމުކޮށްފައިވާ އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 35 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 83 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 57 އިންސައްތަ ދަށް އަދަދެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދެގުނައަށް ވުރެ ބޮޑު އަދަދަކުން ދަށްވެފައި މިވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައިވާތީއެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އަންނަނީ މަދުވަމުންނެވެ.

ރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން މާޗުމަހުގެ ތެރޭގައި ވަނީ މަނާ ކޮށްފައެވެ. ރާއްޖޭގައި ތާށިވެފައި ތިބި ގިނަ ފަތުރުވެރިން ވެސް މިހާރު ވަނީ އެނގުރި އެމީހުންގެ ގައުމުތަކަށް ގޮސްފައެވެ. އެހެންކަމުން އޭޕްރީލް މަހަށް ވުރެ ވެސް މެއި މަހް ގްރީން ޓެކްސްގެ އާމްދަނީ ދަށަށް ދާނެއެވެ.

ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަން ހުއްޓި، އެގަމުގެ ގެއްލުން ގައުމުތަކުގެ އިޤުތިޞާދަށް ކުރަމުން އަންނައިރު ސަރުކާރުން މިހާރު އުއްމީދު ކުރަނީ އަންނަ ޖުލައި މަހު ބޯޑަރު އަލުން ހުޅުވާލެވޭނެ ކަމަށެވެ. ނަމަވެސް ބޯޑަރު އަލުން ހުޅުވާލާނީ ސިއްހީ މާހިރުންގެ ލަފައަށް ބެލުމަށްފަހު ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު