ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އައްޑޫ ސިޓީ އަށް 5000 ބަސްތާގެ ކާޑު ފޮނުވައިފިއެވެ.

އެސްޓީއޯ އިން ބުނީ 5000 ބަސްތާގެ ކާޑާއެކު އެމްވީ ތޫރި ބޯޓު އައްޑޫއަށް ފުރާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެޝަނަލް އެމެޖެންސީ އޮޕަރޭޓިން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެސްޓީއޯގެ ފަރާތުން އިއްޔެ އެކަނިވެސް ވަނީ 878 ބަސްތާ ހަނޑުލާއި، 344 ބަސްތާ ގޮދަން ފުށް އަދި 255 ބަސްތާގެ ހަކުރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވިއެވެ.

މި ތަކެތި ރަށްރަށަށް ފޯރުކޮށްދިނުމަށް 48 ބޯޓެއް ވަނީ ފުރާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާނެ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ މުހިންމު ބާވަތްތައް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން ދިޔަ ކަމުގައި ވީނަަމަވެސް ރާއްޖެއިން ކާބޯތަކެއްޗަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ނަމަވެސް މި ދަނޑިވަޅުގައި ކާބޯތަކެތި ލިބުމަށް ދަތިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އެތަކެތި ގަނެ ރައްކާކުރަމުން ދާތީ، އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. އެފަދަ ކަންކަން ކުރުމުގެ ސަބަބުން ބޭނުންވާ ކާބޯތަކެތީގެ ބާވަތްތަކާއި، އެހެނިހެން ތަކެތި ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ދަތިވާނެތީ އާންމުން މިކަމަށް ހޭލުންތެރިވުމަކީ މުހިންމު ކަމެކެެވެ.

ކިޔުންތެރިންގެ ހިޔާލު