ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ހިއްސާގެ އަގުތައް ދަށަށް ދިއުމާއި ގުޅިގެން ސައުދީ އަރަބިއްޔާގެ ބޮޑެތި ގިނަ ކުންފުނިތަކެއްގެ ހިއްސާ ގަނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީ އަރަބިއްޔާ އިން ވަނީ ބޮއިން ކުންފުންޏާއި، އެމެރިކާގެ އިންވެސްޓްމެންޓް ބޭންކެއް ކަމަށްވާ ސިޓީގްރޫޕްގެ ގިނަ އަދަދެއްގެ ހިއްސާ ގަނެފައެވެ. އަދި ފޭސްބުކާއި ޑިސްނީގެ ހިއްސާ ވެސް ވަނީ ގަނެފައެވެ. މީގެ އިތުރުން ތެލުގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ ބީޕީ ކުންފުނީގެ ހިއްސާ ވެސް ސައުދީ އަރަބިއްޔާ އިން ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހުރިހާ ކުންފުންޏެއްގެ ހިއްސާ ވެސް ވެފައި ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ ޕަބްލިކް އިންވެސްޓްމެންޓް ފަންޑު (ޕީއީއައި) އިންނެވެ. ޕީއީއައި އަކީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ސައުދީ އަރަބިއްޔާ "ބަދަލު ކޮށްލުމަށް" ގެންގުޅޭ ވިސްނުން ތަންފީޒު ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. 2015 ވަނަ އަހަރުން ފެށިގެން އެކުންފުނިން ގެންދަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އިންވެސްޓް ކުރަމުންނެވެ.

ސައުދީ އަރަބިއްޔާ އިން ހިއްސާ ގަތް ބޮއިން ކުންފުންޏާއި، ބީޕީ އަށް މިހާރު އޮތީ މާލީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. ކޮވިޑް-19 އާއި ގުޅިގެން ގިނަ އެއާލައިންތަކަކުން ވަނީ ބޮއިން ކުންފުންޏަށް ދީފައިވާ އޯޑަރުތައް ކެންސަލް ކޮށްފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާއި ހިލާފަށް ދަށަށް ދިއުމުން ބީޕީ ކުންފުންޏަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަމުން އަރައިގަތުމާއި އެކު އެކުންފުނިތަކުގެ ފައިދާ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުރު ވެގެން ދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހިއްސާގެ ބާޒާރުތަކުގެ އަގުތައް ދަށަށް ދާން ފެށުމާއި އެކު ބައެއް މީހުން ގެންދަނީ ބޮޑެތި ކުންފުނިތަކުގައި އިންވެސްޓް ކުރަމުންނެވެ. ނަމަވެސް ހިއްސާގެ ބާޒާރުގައި އެންމެ ނަން ހިނގާ އެއް ބިލިއަނަރު ވަރެން ބަފެޓް ވަނީ ބޮޑެތި ބައެއް ކުންފުނިތަކުގައި އޮތް އޭނާގެ ހިއްސާތައް ވިއްކަން ފަށާފައެވެ. ހާއްސަކޮށް ބައެއް އެއާލައިންތަކުން އޭނާ ގަނެފައި އޮތް ހިއްސާތައް ވިއްކަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެމެރިކާ އިދަޖެހެމުންދާތީ އަނެއްކާވެސް ސައުދީ ބޮލަށް ޗިޕެއްޖަހާލީދޯ.