ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އިން 30000 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ތައްޔާރުވަމުންދާ ކަމަށް ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް "ބްލޫމްބާގް" އިން ރިޕޯޓް ކޮށްފިއެވެ.

އެނޫހުގައި ބުނެފައިވާ ގޮތުގައި މިއީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމުން އަރައިގަތުމަށް އަޅާ ފިޔަވަޅެކެވެ. އެމިރޭޓްސްގައި ޖުމްލަ 105000 މުވައްޒަފުން ވަޒީފާ އަދާކުރެއެވެ. މުވައްޒަފުން މަދުކުރުމުގެ އިތުރުން އެންމެ ބޮޑު ފްލައިޓް ކަމަށްވާ އޭ-380 ރިޓަޔާމަންޓް އަވަސް ކުރުމުގެ ޕްލޭނެއް ވެސް އެމިރޭޓްސް އިން ތައްޔާރު ކޮށްފައިވާ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

ނަމަވެސް މިއިން އެއްވެސް ނިންމުމަކާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެމިރޭޓްސް އިން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ.

އޭ-380 އަކީ ކުރަންޖެހޭ ޚަރަދާއި ބަލާއިރު، އެކަށީގެންވާ ފައިދާއެއް ބައެއް އެއާލައިންތަކަށް ނެރެވޭ ފްލައިޓަކަށް ނުވެއެވެ. ނަމަވެސް އެމިރޭޓްސް އިން ވަނީ އޭ-380 މެނޭޖް ކުރުމުގައި މީގެ ކުރިން މިސާލެއް ފަދަ ކާމިޔާބީތަކެއް ހާސިލްކޮށް، އެ މޮޑެލްގެ ފްލައިޓްތަކުން ވެސް ފައިދާ ނެރެފައެވެ.

އެމިރޭޓްސް އިން ވަނީ މާޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ހުއްޓާލާފައެވެ. ނަމަވެސް ބައެއް ގައުމުތަކުން ކުރިއަށް އޮތްތަނުގައި ބޯޑަރު ހުޅުވާލާނެ ކަމަށް ލަފާކުރެވޭތީ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ބައެއް ދަތުރުތައް ފަށަން ވަނީ ތާވަލް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބެމުން އަންނަ އެއް އިންޑަސްޓްރީ އަކީ ވައިގެ ދަތުރުފަތުގެ އިންޑަސްޓްރީ އެވެ. ދުނިޔޭގެ އެހެން ބައެއް އެއާލައިންތަކުން ވެސް މިހާރު ގެންދަނީ މުވައްޒަފުން މަދު ކުރަމުންނެވެ. މުވައްޒަފުން މަދުކުރަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި ބްރިޓިޝް އެއާވޭސް، ރަޔަންއެއާ ފަދަ އެއާލައިންތައް ހިމެއެވެ.

އިންޓެނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނާ ގޮތުގައި މިއަހަރު އެއާލައިންތަކަށް 314 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެ ކަން މިހާރު ވެސް ވަނީ ކަށަވަރު ވެފައެވެ. އަދި މިއަދަދު އިތުރުވެގެން ދިއުން ވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު