ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ ބިހާއި ފިޔާގެ އަގު އަނެއްކާވެސް ބޮޑު ތަނުން ހެޔޮކޮށްފިއެވެ.

އިއްޔެ އިން ފެށިގެން އެސްޓީއޯއިން ވިއްކަމުން އަންނަ ބިހާއި ފިޔާގެ އަގު ހެޔޮ ކޮށްފައިވާއިރު، އެ ކުންފުނިން މީގެ ކުރިން ރަމަޟާން މަސް ފެށުމުގެ ކުރިންވެސް ވަނީ މި ތަކެތީގެ އަގު ހެޔޮ ކޮށްފައެވެ.

މީގެ ކުރިން 260 ރުފިޔާއަށް ވިއްކަމުން އައި ބިސް ކޭހެއް މިހާރު 240 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި 255 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއް މިހާރު 175 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން އެސްޓީއޯގެ ސްޕޯކްސް ޕާސަން އަހުމަދު މުހައްމަދު (އަބޯ) ވިދާޅުވީ، އެގޮތަށް އެ ކުންފުނިން ބިހާއި ފިޔާ އަގު ހެޔޮ ކޮށްފައިވަނީ މީގެ ކުރިންވެސް އެ ކުންފުނިން ވެފައިވާ ވައުދާއި އެއްގޮތަށް ކާބޯތަކެތި އަގުބޮޑުނުވެ ރައްޔިތުންނަށް ލިބެން ހުންނާނެ ގޮތަށް ބަލައި ކަމަށެވެ.

އެސްޓީއޯއިން މީގެ ކުރިން ފިޔާ އަދި ބިސް ރީޓެއިލް ކޮށް ވިއްކި ނަމަވެސް މިހާރު ވަނީ ރީޓެއިލް ކޮށް ވިއްކުން ހުއްޓާލާފައެވެ. މި ބާވަތްތައް ގަންނަން ބޭނުންވާ ފަރާތްތަކުން އޯޑަރު ދިނުމަށްފަހު އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ގުދަނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11 އިން 3 އަށް ދިއުމުން ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު