ކުރިއަށް އޮތް ރަމަޟާން މަހު ފެނަކަ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ރަށަކަށް ރަނގަޅު ފެންވަރެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.

މިއަދު ފެނަކައިގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސެއިން ހަމީޒް ވިދާޅުވީ ފެނަކައަކީ ރާއްޖޭގެ 148 ރަށެއްގައި 500 އަށް ވުރެ ގިނަ ސްޓޭޝަން ބަހައްޓައިގެން ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށާއި ފެނަކައިން މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ރަމަޟާން މަހު އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ރަށަކަށް ކަރަންޓުގެ އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ގޮތަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ފެނަކައަކީ ރާއްޖޭގެ 148 ރަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަަންނަ ކުންފުންޏެއް. ފެނައިން މިހާރު މަސައްކަތް މިކުރަނީ ކުރިއަށް އޮތް ރަމަޟާން މަހަކީ ކަރަންޓަށް ބާރުބޮޑުވާނެ މަހަކަށް ވުމުން އެކަށީގެންވާ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް. މިހާރު އެކަމަށް ބޭނުންވާ ޓެކްނިކަލް ބައެއް ޓީމްތަށް ވަނީ އެކުލަވާލެވިފަ. އަދި ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ ބައެއް ޖަނަރޭޓަރ ތަކާއި ސްޕެއަރ ޕާޓްތަށް ވަރަށް އަވަހަށް ރާއްޖެ އަންނާނެ" ހުސެއިން ހަމީޒް ވިދާޅުވިއެވެ.

އަދި ފެނަކައިން އެންމެ ހާއްސަ އިސްކަމެއް ދޭނީ ކަރަންޓުގެ މައްސަލަ ބޮޑަށް ކުރިމަތިވެފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކަރަންޓުގެ އަގަށް އައި ހެޔޮ ބަދަލާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރ އަހުމަދު ނަޖާހު ވިދާޅުވީ 1 މާޗު 2018 އިން ފެށިގެން ކަރަންޓުގެ އަގަށް ހެޔޮބަދަލެއް ގެނެސްފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ފެނަކައިން މަސައްކަތް ކުރާނީ ވީހާވެސް ހެޔޮ އަގެއްގައި އެކަށޭނެ ގޮތެއްގައިކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވެސް ނަޖާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޗަޗީ

    ހުސް ދޮގުހަދާ، މީހުން އޮޅުވާލަނީ،މިހާރުވެސް ކޮންމެ ދުވާލަކު އަދި ރޭގަޑަކު ގއ.ވިލިނގިލީން 01 ފަހަރު ކަރަންޓު ކަޑާގެންދޭ،

  2. މުސަ

    ދޮގުހަދާ މީހުން ދާނީ ނަރަކަޔަށް

  3. އަން

    ދެދުވަހުން އެއްދުވަހު ކަރަންޓް ކެޑޭނެކަން ޔަޤީން2018

  4. ދުރުމި

    ކަރަންޓް އެންމެ ގިނައިން ކެނޑެނީ އެމްޑީޕީ އަޣުލަބިއްޔަތު އޮންނަ ރަށްތަކުގައި. މިގޮތުން އައްޑުއަތޮޅު ގުޅިފައިވާ ރަށްތަކުން ވަރަށް ގިނައިން ކަރަންޓް ކެނޑޭ. ޢަދި ޚާއްސަކޮށް ސްކޫލް ކުދިންގެ އިމްތިހާނު ދުވަސްވަރު ކަރަންޓް ކެނޑޭ މިންވަރު އިތުރު. ޢއެހެން ކަމުން ރޯދަމަސް ފަދަ މީހުން ގިނައިން ކަރަންޓް ބޭނުންކުރާ މަހެއްގައި ކަރަންޓް އެއްވެސް ވަރަކަށް ލިބޭނެއެކޭ ހިތެއް ނުބުނޭ. ބަޔަކަށް ޖެއްސުން ކުރިއަސް މީ ބޮޑުވަރު. މިއީ ހައްލުކުރެވެންޖެހޭ މައްސަލައެއް.