ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ލޮޅުމެއް އައިސްފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހަނދާންތައް ވައުޗުއަލްކޮށް ގެނެސްދިނުމަށްޓަކައި ފޭސްބުކް މެދުވެރިކޮށް "މޯލްޑިވްސް، ދަ ސަން ޝައިން އެގެއިން"ގެ ނަމުގައި ތިން ގަޑިއިރުގެ ލައިވް އިވެންޓެއް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނިންމައިފި އެވެ.

އެމްއެޕްޕީއާސްރީން މިއަދު ބުނީ، މި އިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޓުއަރިޒަމް މިނިސްޓްރީ އާއި މޮންދު ޕްރޮޑަކްޝަން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި އޯކާ މީޑިއާއި ގުޅިގެން ކަމަށެވެ.

މި އިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ރޭގަނޑު 8 އިން 10 އަކަށެވެ.

އެމްއެމްޕީއާރްސީން ބުނީ، މި ލައިވް އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުން ދިވެހިރާއްޖެއަށް އޮތް ލޯބި ދައްކުވައިދޭނެއެވެ. އަދި އެކަން ދެއްކުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކުން ބައިވެރިވެ، ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދޭނެއެވެ. އަދި ރާއްޖެ އަލުން ފަތުރުވެރިންނަށް މަރުހަބާކިޔުމަށް މުޅި ރާއްޖެ ވަމުން އަންނަ ތައްޔާރީތައް ވެސް ހާމަކުރެވިގެންދާނެ ކަމަށް ބުނެފައި އެވެ.

މި ހަރަކާތަކީ ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތައް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެން އެކަތިގަނޑަކަށް ހެދުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ އިވެންޓެެއް ކަމަށް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ. އަދި މި އިވެންޓު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާތުގެ ބައިވެރިންނާއި، އާޓިސްޓުންނާއި މިޔުޒިޝަނުން ފަދަ ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދޭނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ރަނގަޅު ކުރުމެގެ ގޮތުން އެމްއެމްޕީއާރްސީން ދަނީ އެކިކަހަލަ ވާރޗުއަލް އަދި އޮންލައިން މާކެޓިންގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.