ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިއަށް ގެއްލުންވެފައިވާ ފަރާތްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނަށް އެދިފައިވާ 125 ފަރާތަކަށް ދޫކޮށްފިއެެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ހާލަތުގައި ލޯނަށް އެދިފައިވާ ގިނަ އަދަދެއްގެ މީހުންނަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ލޯނުތަކުގެ މައުލޫމާތު މިނިސްޓަރު ވަނީ ހިއްސާ ކޮށްފައެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 125 ފަރާތަކަށް 145.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 125 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު، އެސްޑީއެފްސީ މެދުވެރިކޮށްވެސް ރިލީފް ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް އަދި ސެލްފް އެންޕްލޯއިޑް ފަރާތްތަކަށް ވަނީ ލޯނު ފޯރުކޮށްދީފައެވެ.

"މިހާތަނަށް 125 ފަރާތަކަށް 145.7 މިލިއަން ރުފިޔާ ދީ، އޭގެ ތެރެއިން 2.5 މިލިއަން ޑޮލަރު ވެސް އަޅުގަނޑުމެން މިހާރު ވާނީ ދީފައި" އަމީރު ވިދާޅުވިއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް 640 މީހަކަށް ލޯނު ދޫކުރުމަށް ހުއްދަ ދެވިފައިވާއިރު، އޭގެތެރެއިން 241 މީހަކަށް ލޯނު ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެއީ 22.3 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ 193 ވިޔަފާއިރާއި 48 ސެލްފް އެމްޕްލޮއިޑް މީހުންނެވެ.

ސަރުކާރުން ދިނުމަށް ނިންމާފައިވާ މި ލޯނުތަކަކީ ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް އެ އިނދަނުޖެހި ސަލާމަތްވެވޭނެ ގޮތުން ހަމަޖައްސައިދީފައިވާ ލޯނުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު