މި ފެށޭ ހަފްތާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންނަށް ކާޑު ދޫކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ބީއެމްއެލް އިން ބުނެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ކާޑު ދޫކުރުމުގެ ކަންކަން މެދުކެނޑުމަކަށް އައުމަށްފަހު، ފުރަބަންދުގެ ހާލަތަށް ލުއި ލިބިފައިވާތީ މިފެށޭ ޖޫން މަހުން ފެށިގެން ކާޑު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބޭންކުން ބުނެފައިވާ ގޮތުން ކާޑު ދޫކުރުމުގެ ކަންކަން ކުރިޔަށްދާނީ އެޕޮއިންޓްމެންޓް ހައްދައިގެންނެވެ. މިގޮތުން ކޮންމެ ދުވަހަކު ޚިދުމަތް ލިބިގަތުމަށް، އޭގެ ކުރީ ދުވަހު ކަސްޓަމަރުންނަށް އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު ހުޅުވާލާއިރު، ދުވާލެއްގެ މައްޗަށް މި ޚިދުމަތް ފޯރުކޮށްދޭނީ 300 ކަސްޓަމަރުންނަށް ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

ކުރިޔަށް އޮތް ދެ ހަފްތާގައި ބީއެމްއެލް އިން ކާޑު ދޫކުރުމަށް، އެ ބޭންކުގެ ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައި ވަނީ ހޯމަ އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. މި ދުވަސްތަކުގައި ބޭންކުން ޚިދުމަތްދެމުން ދަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އާއި ހަމައަށެވެ.

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި އެ ބޭންކުން ކާޑު ބަލައިގަތުމަށް، ބްރާންޗުގެ ނަމާއި، އައިޑީކާޑް ނުވަތަ ޕާސްޕޯޓް ނަމްބަރު އަދި ނަމާއި އެޑްރެސް، 455 އަށް އެސްއެމްއެސްއަކުން ފޮނުވުމުން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އަދި އެޕޮއިންޓްމެންޓް ހަމަޖެހުމުން، ފުލުހުންގެ އިދާރާއިން އެސްއެމްއެސް މެދުވެރިކޮށް، ހުއްދަ ފޮނުވާނެ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނީ ކާޑު ނަގަންދާ ކަސްޓަމަރުން، މާސްކު އަޅައިގެން ތިބުމާއެކު ގައިދުރުކަމަށް ސަމާލުކަންދީ، ސާވިސް ސެންޓަރަށް ދާއިރު އަމިއްލަ ގަލަމެއް ގެންދިއުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ބަލީގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން، އުމުރުން ދުވަސްވީ މީހުންނަށް، ބޭންކަށް ނުދިޔަނަމަވެސް ކާޑު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެގޮތުން އެފަދަ ފަރާތްތަކުން އައިޑީ ކާޑް ނަމްބަރު ޖެހުމަށްފަހު ހުސް ތަންކޮޅެއް ދޫކުރުމަށްފަހު "Card Delivery"، މިގޮތަށް ޖެހުމަށްފަހު 7990200 ނުވަތަ 9990200 އަށް މެސެޖެއް ފޮނުވުމަށް ބީއެމްއެލް އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު