ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބަލާ ދިއުމުގެ ކުރިން ކަސްޓަމަރުން އެޕޮއިންޓްމެންޓް ހެއްދުމަށް އެ ބޭންކުން ހަނދާންކޮށްދީފިއެވެ.

މާލެ ސިޓީ ފުރަބަންދުގެ ހާލަތަށް ލުއި ލިބިފައިވުމާއެކު، ބީއެމްއެލް އިން ކާޑު ދޫކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދުއެވެ. ކާޑު ބަލާ ދިއުމަށް އެޕޮއިންޓް ހެއްދުމަށް އެއް ދުވަސް ކުރިން މެސެޖްް ކުރަން ޖެހޭނެއެވެ.

މިގޮތުން ކޮންމެ ދުވަހަކު ޚިދުމަތް ލިބިގަތުމަށް، އޭގެ ކުރީ ދުވަހު ކަސްޓަމަރުންނަށް އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާއި އެއްގޮތަށް އެޕޮއިންޓް ދޫކުރަމުންދާއިރު، ދުވާލެއްގެ މައްޗަށް މި ޚިދުމަތް ފޯރުކޮށްދޭނީ 300 ކަސްޓަމަރުންނަށް ކަމަށެވެ.

ސައީދު ވަނީ މިހާރުވެސް ބައެއް ކަސްޓަމަރުން އެޕޮއިންޓްމެންޓް ނަހައްދާ ކާޑު ހައްްދަން އަންނަކަން ފާހަގަކޮށްފައެެވެ.

"މިސާލަކަށް އިނދެ ދާނެތާ ޕޮލިސް ހުއްދައެއް ނޫނީ ހުއްދަތައް ހުންނާތާ،، ޕޮލިސް ޕާމިޓްތައް، ވާގޮތަކީ އަހަރުމެން މި ދޭން ޖެހެނީ ޕޮލިސް ޕާމިޓަކަށް ނޫން، އަހަރުމެން ސާވިސް ދޭން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް، އެޕޮއިންޓް ހައްދައިގެން، އެއް ފަހަރާ ހުއްދަ އޮވެދާނެ ދޯ ވަރަށް ބައިވަރު މީހުންނަށް، އެކަމަކު އަހަރުމެންނަށް އެތާ އެތެރެއަށް ވެއްދޭނީ ވަކި އަދަދަކަށް ތާ، ކޮންމެ ދުވަހަކުވެސް 300 ކަސްޓަމަރުންނަށް މި ދެނީ". ސައީދު ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި އެ ބޭންކުން ކާޑު ބަލައިގަތުމަށް، ބްރާންޗުގެ ނަމާއި، އައިޑީކާޑް ނުވަތަ ޕާސްޕޯޓް ނަމްބަރު އަދި ނަމާއި އެޑްރެސް، 455 އަށް އެސްއެމްއެސްއަކުން ފޮނުވުމުން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އަދި އެޕޮއިންޓްމެންޓް ހަމަޖެހުމުން، ފުލުހުންގެ އިދާރާއިން އެސްއެމްއެސް މެދުވެރިކޮށް، ހުއްދަ ފޮނުވާނެ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެއެވެ.

"މިސާލަކަށް ބުނަންޏާ އަންގާރަ ދުވަހު، އެޕޮއިންޓްމެންޓް ހައްދަންޏާ ހޯމަ ދުވަހުގެ ދަންވަރު 12:00 އިން މިއަދު ހަވީރު 17:00 އާ އެޕޮއިންޓްމެންޓް ޕޯޓަލް ހުޅުވިފައި". ސައީދު ވިދާޅުވިއެވެ.

އެ ބޭންކުގެ ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައި ވަނީ ހޯމަ އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. މި ދުވަސްތަކުގައި ބޭންކުން ޚިދުމަތްދެމުން ދަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އާއި ހަމައަށެވެ.

ބީއެމްއެލް އިން ބުނީ ކާޑު ނަގަންދާ ކަސްޓަމަރުން، މާސްކު އަޅައިގެން ތިބުމާއެކު ގައިދުރުކަމަށް ސަމާލުކަންދީ، ސާވިސް ސެންޓަރަށް ދާއިރު އަމިއްލަ ގަލަމެއް ގެންދިއުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ބަލީގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން، އުމުރުން ދުވަސްވީ މީހުންނަށް، ބޭންކަށް ނުދިޔަނަމަވެސް ކާޑު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެގޮތުން އެފަދަ ފަރާތްތަކުން އައިޑީ ކާޑް ނަމްބަރު ޖެހުމަށްފަހު ހުސް ތަންކޮޅެއް ދޫކުރުމަށްފަހު "Card Delivery"، މިގޮތަށް ޖެހުމަށްފަހު 7990200 ނުވަތަ 9990200 އަށް މެސެޖެއް ފޮނުވުމަށް ބީއެމްއެލް އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނަ

    ހަމައެކަނި އުމުރުން ދުވަސްވީމީހުންނަކަށް ނޫން. ގިނަދުވަހު ބޭސްކުރާ މީހުންނަށްވެސް ފުރުސަތު ހުޅުވަން ޖެހޭ BML#