މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ބައިވެރިވެއްޖެއެވެ.

މިއަދުން ފެށިގެން 3 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުންދާ ދަތިތަކުގެ މައްޗަށް ބިނާ ވެގެންނެވެ.

އޭ.ޓީ.އެމްގެ ފަރާތުން އޭ.ޓީ.އެމް ވާރޗުއަލް ކުރިއަށް ގެންދަން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ ޖޫން 28 އިން ޖުލައި އެކަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެއާ ފަސްވުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ގުޅުވައިދިނުމުގެ ގޮތުންނެވެ.

އެމް.އެމް.ޕީ.އާރު.ސީ އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރާއްޖޭގެ އެކި ކުންފުނިތަކުން ވަނީ މި ވާރޗުއަލް އިވެންޓުގައި ބައިވެރިވެފައެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެގްޒިބިޓަރުންނާއި ބަޔަރުން އަދި ޒިޔާރަތް ކުރާ ފަރާތްތަކާ އެކު ބައްދަލުވުން ކުރިޔަށް ގެންދިއުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެން ދާނެ ކަމަށާއި މި ފެއާ ވެގެންދާނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ފަރާތްތަކާއި ގުޅުވައިދޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފެއާގައި އެމްއެމްޕީއާރުސީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައިވެރިންނާއި ބައްދަލުކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރުން ހުށަހަޅާ ލައިވް ވެބިނާ ތަކުގައި ބައިވެރިވާނެ ކަމަށް ވަނީ ބުނެފައެވެ. ދިވެހިރާއްޖެ އަންނަ މަހު އަލުން ފަތުރުވެރިންނަށް ހުޅުވާލުމަށް ގަސްތުކޮށްފައިވާއިރު، މި އިވެންޓުގެ ޒަރިއްޔާއިން ފަތުރުވެރިކަން ކުރިއަށް ގެންދާނެ ގޮތުގެ ވަރަށް މުހިންމު ތަފްސީލުތައް ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެގޮތުން މިއިންޓުން ލިބޭ މަޢުލޫމާތު ފަތުރުވެރިކަމާއި ގުޅޭ އާ ގައިޑްލައިން ތައްޔާރުކުރުމަށާއި އަދި ދިވެހިރާއްޖެ އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި އިޝްތިހާރު ކުރުމުގައި ބޭނުންކުރާނެއެވެ.

2019 ވަނަ އަހަރު 60،003 ފަތުރުވެރިން ވަނީ މެދު އިރުމަތިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 51.1 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، ކޮވިޑް-19 އާ އެކު ވެސް މިއަހަރުގެ ޖަނަވަރީ މަހުގައި އެ މާކެޓުން ރާއްޖެއށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 73.7 އިންސައްތައްއަށް އިތުރުވެފައެވެ.

އެމްއެމްޕީއާރުސީން ބުނީ، ދިވެހިރާއްޖެ އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނައިރު ކޮވިޑް-19 އާއިއެކު އެބޭފުޅުން ވަނީ ދިވެހިރާއްޖެ މާކެޓް ކުރާނެ އައު ގޮތްތައް ވިސްނާ ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައި ކަމަށެވެ.