ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ބޭއްވި ފުރަތަމަ މީސް މީޑިއާ ލައިވް އިވެންޓް މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ކުންފުނީގެ އިސް ނެގުމުގެ ދަށުން ކުރިއަށް ގެންދިޔަ "މޯލްޑިވްސް: ދި ސަން ވިލް ޝައިން އަގައިން" ލައިވް އިވެންޓް ކާމިޔާބު ކަމަށެވެ.

ބޭރުގެ މަޝްހޫރު އެކި ފަރާތްތަކުގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ 200 އަށްވުރެ ގިނަ ފަރާތަކުން ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް އެކި މެސެޖްތައް ފޯރުކޮށްދީފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވި ގޮތުގައި މި އިވެންޓްގައި 1.2 މިލިއަން މީހުން ބައިވެރިވެފައިވެއެވެ. އަދި އިވެންޓްގެ ހަރަކާތްތަކުގައި 85،000 މީހުން ބައިވެރިވެފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ފަތުރުވެރިކަން އަލަށް ފަށާއިރު ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް މަރުހަބާ ދަންނަވައިފައެވެ.

މި އިވެންޓު ކުރިއަށް ގެންދިއުމަށް ޕާޓްނަރުންގެ ގޮތުގައި، މިނިސްޓްރީ އޮފް ޓުއަރިޒަމް، މުންދު ޕްރޮޑަކްޝަން، ޕްބްލިކް ސާވިސް މީޑިއާ އަދި އޯކް މީޑިއާ ގްރޫޕުން ވަނީ ބައިވެރިވެފައެވެ.

މި އިވެންޓު ފައްޓަވައި ދެއްވަމުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، މިހާރު މުޅި ދުނިޔެއަށް ދިމާވެފައިވާ ކާރިސާގެ ސަބަބުން، ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން މަޑުޖައްސާލައިފައި އޮތް ކަމުގައިވީ ނަމަވެސް، އެ ކޯޕަރޭޝަނުން އޮތީ އަލުން ފަތުރުވެރިކަން ފެށުމަށް ކެތް މަދުވެފައި ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ އެއްބާރުލުމަށް ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިކިޕީޑިއާ

    އެކަމަކު ދުނިޔޭގައި 7.8 ބިލިއަން މީހުން ތިބޭ. މުޅި ދުނިޔެއަށް ދެއްކިއްޖެ ތޯއްޗެއް.

    6
    3