އިއާދަކުރަނިވި ހަކަތަ ތަރައްޤީކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ، ކޮވިޑް-19 އަށް ފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ލިބޭނެ އިތުރު ބާރެއް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

އެ ބޭންކުން މިމިއަދު ނެރުނު "ވާލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އިން ސްޓޯމީ ސީޒް" ރިޕޯޓްގައި މިގޮތަށް ބުނެފައިވާއިރު، އެ ރިޕޯޓަކީ ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލެވިފައިވާ ރިޕޯޓެެކެެވެ.

އެ ރިޕޯޓުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑެތި ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވީ، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި ވަނީ ވަރަށް ބާރަށް ކުރިއަރާފައި ކަމަށާއި އެހެން ނަމަވެސް، ކޮވިޑް-19 ގެ ގޮންޖެހުންތަކާއިއެކު، ރާއްޖޭގެ އިޤްތިޞާދީ މިޞްރާބު މުޅިން ބަދަލުވެ، ދިވެހިންނަށް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

"އިއާދަކުރަނިވި ހަކަތަ އަށް ވިސްނުން ބެހެއްޓުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް. އެގޮތުން، ފުރުޞަތުތައް ހުޅުވިގެން ދިއުމާއިއެކު، އިޤްތިޞާދު އަވަހަށް ކޮޅަށް ޖެހި، ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެ." އޭނާ ވިދާޅުވިއެވެ.

ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ފްލޯރިއަން ބްލަމް އަދި ޕުއި ޝެން ޔޫންގް ވިދާޅުވީ، ދުނިޔޭގައި ހިނގާ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެ އަށް ކުރާ އަސަރުތަކަށް ތައްޔާރުވެފައިވާ މިންވަރު ވީހާވެސް އަވަހަކަށް އިތުރުކުރުމުގެ މުހިންމުކަން ކޮވިޑް-19 ގެ ކާރިޡާ އިން އެނގިގެން ހިނގައްޖެ ކަމަށެވެ.

"އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމުގެ މަސައްކަތަށް މި ކާރިޡާގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް މިއީ އަދިވެސް ވަރަށް މުހިއްމު ލަނޑުދަނޑިއެއް،" އޭނާ ވިދާޅުވި އެވެ.

ރިޕޯޓްގެ ހާއްސަ ސެކްޝަން ލިޔުއްވި ވާލްޑް ބޭންކްގެ ސީނިއަ އެނާޖީ ސްޕެޝަލިސްޓް ޖޫންކްޔަންގް ސީއޮންގް ވިދާޅުވީ، މިފަދަ އިންވެސްޓްމަންޓްތައް އިތުރުކުރުމުގައި އާއްމު ފަރާތްތަކުގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި އުފެއްދޭ ކަރަންޓް ގަތުމުގެ އެއްބަސްވުންތަކާއި ނެޓް މީޓަރިން އަދި ނިޒާމްތައް އެކަށައެޅުން މިހާރަށް ވުރެ ހަރުދަނާކޮށްގެން އެ ކަންކަމަށް މަގުފަހިކޮށްދެވޭނެކަމަށްވެސް ވިދާުޅުވިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް އަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ އިތުރުން، ތަރައްޤީ އަށް ހުރި ގޮންޖެހުންތައް ހިމަނައިގެން ވާލްޑް ބޭންކުން އެކުލަވާލައި އާއްމުކުރާ ރިޕޯޓެކެވެ.