ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ)ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އެ ޓެކްސް ދިވެހި ފައިސާ އިން ދެއްކޭނެ ގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދީފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާ ގުޅިގެން އެ ފަރާތްތަކުން މީރާއަށް ޓީޖީއެސްޓީ ދެއްކުމުގައި ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން 1 އެޕްރީލް އާއި 30 ސެޕްޓެންބަރު އާ ދެމެދު ހިނގާ ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކިދާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވި، މިގޮތަށް ޓީ.ޖީ.އެސް.ޓީ ދިވެހި ރުފިޔާއިން ދެއްކޭނީ، މީގެ ފަހުން މި ޓެކްސް ނެގޭ މުއްދަތުތަކަށް ޓީ.ޖީ.އެސް.ޓީގެ
ގޮތުގައި ދައްކާ ފައިސާ ކަމަށެވެ.

އެހެންކަމުން ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް ޓެކްސް ދައްކާ ފަރާތްތަކުން މިރާއަށް ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.