އިނގިރޭސިވިލާތުގެ ތިންބައިކުޅަ ދެބައި މީހުން ކުރިއަށް އޮތް އަހަރެއްހާ ދުވަހު ގައުމުން ބޭރަށް ދަތުރު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

2412 މީހަކު ބައިވެރި ކޮށްގެން ކުރި މިދިރާސާ އަކީ ކޮވިޑް-19 ފެތުރެމުން ދާތީ ބައެއް ގައުމުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވަމުން ދާއިރު ދެން ދަތުރުފަތުރު ކުރުމަށް އަންނާނެ ބަދަލުތައް ދެނެގަތުމަށް ކުރި ދިރާސާއެކެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 68 އިންސައްތަ މީހުން ބުނީ ގައުމުން ބޭރަށް ދަތުރު ކުރުމުގެ އެއްވެސް ވިސްނުމެއް އެމީހުންގެ ނެތް ކަމަށެވެ. 16 އިންސައްތަ މީހުން ތިބީ އަދިވެސް ދަތުރު ކުރަން ތައްޔާރަށެވެ. ބާކީ 16 އިންސައްތަ މީހުން ބުނެފައި ވަނީ ދަތުރު ކުރުމާއި މެދު އެމީހުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ދިރާސާގައި ބައިވެރިވި ގިނަ މީހުން ބުނެފައިވާ ގޮތުގައި މިހާރު ދަތުރު ކުރަން އެންމެ ރައްކާތެރި އެއްޗަކީ އެމީހުން ގަބޫލު ކުރާ ގޮތުގައި ރޭލެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 49 އިންސައްތަ މީހުން ބުނީ މިހާލަތުގައި ދަތުރު ކުރަން އެންމެ ރައްކާތެރި އެއްޗަކީ ރޭލު ކަމަށެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ފްލައިޓްގައި ދަތުރު ކުރަން ރައްކާތެރި ކަމަށް ބުނީ 42 އިންސައްތަ މީހުންނެވެ. ބާކީ ތިބި މީހުން ބުނީ އެންމެ ރައްކާތެރީ ފެރީއެއްގައި ދަތުރު ކުރުން ކަމަށެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެހެން ގައުމަކަށް ދަތުރު ކުރާނަމަ ކަރަންޓީން ކުރަން ނުވަތަ ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ އެންމެ 11 އިންސައްތަ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިޤުތިޞާދު ހުއްޓި އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ ފަތުރުވެރިކަމަށެވެ. މިހާރު ބައެއް ގައުމުތައް ހުޅުވާލަމުން ދިޔަ ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދަތުރުފަތުރު ކުރުން އާއްމު ހާލަތަކަށް އައިސް ފަތުރުވެރިކަން ކުރިއަރަން ފަށާނީ ކޮވިޑް-19 އިން ސަލާމަތް ވެވޭތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2020

    އެކަމަކުވަޒީރުވިދާޅުވަނީ އެފަރާތްތަކުންނާދެވިގެންފަޔަށްހިނިއަރާތީ އުޅޭކަމަށް! ތިޔަދިރާސާކުރަންދިދަދަނޑިކައިރިއަށްދޭ !

  2. ގަބޭ

    އެމީހުން ދަތުރު ނުކޮއްފާނެ ނަމަވެސް ރާއްޖޭގެމަޖުލިސް ރައީސް ބުނެފިނަމަ 1 މިލިޔަން އިންގިރޭސީން އައިސްދާނެ.

  3. އިޔެ1

    އަލީ ވަހީދު ޓުއަރިސަމް މިނިސްޓަރަކަށް ހުރެގެން ދިވެހިން ޖެހޭނީ މަގޫފަތް ކާން. މީހާރުން މިހާރަށް ޑރ މައުސޫމް ފަދަ ތައުލީމާއި ތަޖުރިބާ ހުރި ވަޒީރަކަށް މިނިސްޓްރީ ހަވާލު ކުރަން ޖެހޭ.