ދިރާގާއި ރާއްޖޭގެ ގޭމް ޑިވެލޮޕައެއް ކަމަށްވާ "އާސިލްސް" ގުޅިގެން ރާއްޖޭގައި މޮބައިލް ގޭމެއް ތައާރަފްކޮށްފިއެވެ.

"ތަކުރު ވޯސް" ގެ ނަމުން ނަން ދީފައިވާތީ މި ގޭމަކީ ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓި ޕްލެޔަ ނުވަތަ އެކަކަށް ވުރެ ގިނަ މީހުންނަށް އެއް ފަހަރާ ކުޅެވޭ މޮބައިލް ގޭމެކެވެ. މި ގޭމް މިހާރު ޕްލޭ ސްޓޯރު އަދި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

ދިރާގުން ވިދާޅުވީ މި ގޭމަކީ ރާއްޖޭގެ އާދަކާދަ އާއި ތާރީހާއި ސަގާފަތާ ގުޅުވައިގެން ތައްޔާރު ކުރި ގޭމެއް ކަމަށެވެ. މި ގޭމުން ދައްކުވައިދޭނީ ދިވެހި ކެރެކްޓަތަކާއި މާހައުލުތައް ކަމަށާއި ގޭމްގައި ފަސް ދިވެހި ކެރެކްޓަތަކެއް އުޅޭނެ ކަމަށް ދިރާގުން ވިދާޅުވިއެވެ.

މި ގޭމްގައި އުޅޭ ކެރެކްޓަތަކަކީ ތަކުރު، އައިމިނަ، ބޮޑޭ، ބަކުރު އަދި ފާތުމައެވެ. މި ކެރެކްޓައް ބޭނުން ގޮތަކަށް ކަސްޓަމައިޒްކޮށްލެވޭ އިރު، ކެރެކްޓަތަކުގައިވާ "ސުޕަ ޕަވާސް" އަދި ހާއްސަ ހަތިޔާރުތައް ބޭނުންކޮށްގެން އެހެން ގޭމާސްއާ ވާދަކޮށް ލީޑަބޯޑުގެ އެންމެ ކުރިއަށް އެރޭނެއެވެ.

ދިރާގުގެ މެނޭޖަ ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައި ދިނުމަށް ކަމަށެވެ.

އިޖުތިމާއީ ގައިދުރުކަން އިސް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މި ގޭމަކީ ކަސްޓަމަރުން މުނިފޫހިފިލައި، ރައްކާތެރިންނާއި އާއިލާއާއެކުގައި ދުރުގައި ހުއްޓަސް އެކީ ކުޅެވޭނެ ކަހަލަ މަޖާ ގޭމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް ރާއްޖޭގައި ގޭމް އުފެއްދުމަށް. އަޅުގަނޑުމެން މި ކުންފުނި ހެދުމުގެ މަގްސަދަކީ ވެސް އެއީ. މި ހުވަފެން ހަގީގަތަކަށްވުމުން އެކަމާ ވަރަށް އުފާ ކުރަން. އަދި އަޅުގަނޑުމެންގެ މަސައްކަތުގައި ދިރާގުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރަން. ދިރާގާ އެއްކޮށް މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" އާސިލްސްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝާފިއު ވިދާޅުވިއެވެ.

ދިރާގުން ދިވެހި ޑިވެލޮޕަރުންނާއި ގުޅިގެން، ދިވެހި ގޭމިން ކޮމިއުނިޓީގެ މޮބައިލް ގޭމިން ތަޖުރިބާ ރަނގަޅު ކުރުމުގެ މަސަކަތުގައި ބައިވެރިވުމަކީ ވަރަށް އުފާކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ދެން ޕަބްޖީ ވެއްޓިދާނެ. މިގޭމްގެ ކަޑަ ކަމަކީ މުންޑު ޗަމްޕާ ނެތީމާ. މުންޑު ޗަމްޕާ ކެރެކްޓާއަކަށް ލި ނަމަ ވަރަށް ޕާފެއްކް ވާނެ.

    6
    1