ކޮވިޑް-19 ގެ ނުރައްކާތެރިކަން އޮތް ގައުމުތައް ކަމަށް ޖަރުމަންވިލާތުން ނިންމި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ފިޔަވައި މިސަރަހައްދުގެ ހުރިހާ ގައުމެއް ހިމަނައިފިއެވެ.

ހޯމަ ދުވަހު ރޮބަޓް ކޮޗް އިންސްޓިއުޓް (އާރްކޭއައި) އިން އާއްމު ކުރި ލިސްޓަށް ކުރިއަށް އޮތްތަނުގައި ބަދަލުތައް ގެންނާނެއެވެ. މިލިސްޓްގައި ޖަރުމަންވިލާތުގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރު ކުރާ މިސްރު، ތައިލެންޑް އަދި މޮރޮކޯ ފަދަ ގައުމުތައް ހިމެނެއެވެ. މީގެ އިތުރުން އެމެރިކާގެ ނިއުޔޯކާއި، ކެލިފޯނިއާ އަކީ ވެސް ނުރައްކާ އޮތް ސިޓީތައް ކަމަށް ވަނީ ލިސްޓް ކޮށްފައެވެ.

ލިސްޓްގައި ހިމަނާފައި އޮތް އެއްވެސް ގައުމަކަށް ނުވަތަ ސިޓީއަކަށް ދަތުރު ކުރުމަށް ފަހު އެނބުރި ޖަރުމަންވިލާތައް ދަތުރުކޮށްފިނަމަ 14 ދުވަސް ވަންދެން ކަރަންޓީން ވާން ޖެހޭނެއެވެ.

ލިސްޓްގައި ނުހިމެނޭ ގައުމުތަކުގެ ތެރެއިން އީޔޫގެ ގައުމުތައް ފިޔަވައި އެހެން ގައުމުތަކަށް ދަތުރު ކުރުން އެއީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ޖަރުމަންވިލާތުގެ ސަރުކާރުން ވަނީ ބުނެފައެވެ. ޖަރުމަންވިލާތުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އިލްތިމާސް އަކީ އޮގަސްޓް މަސް ނިމުމުގެ ކުރިން އީޔޫގެ ގައުމުތައް ފިޔަވައި އެހެން ގައުމުތަކަށް އެގައުމުގެ ރައްޔިތުން ދަތުރު ނުކުރުމެވެ. ނަމަވެސް ދަތުރު ކުރުން މަނާ ކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ނުރައްކާތް އޮތް ގައުމުތައް ނިންމުމުގައި ޖަރުމަންވިލާތުގެ ސަރުކާރުން ބެލި އެއް މިންގަނޑަކީ އެގައުމުތަކުން މިދިޔަ ހަފްތާގައި ނިސްބަތުން ކޮންމެ އެއްލައްކަ މީހުނަކުން 50 މީހުން ކޮވިޑް-19 އަށް މީހުން ފައްސިވިތޯއެވެ. އެއަދަދަށް މީހުން ފައްސި ނުވި ނަމަވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުން އެކަށީގެންވާ ވަރަށް ވުރެ މަދުނަމަ އެއީ ނުރައްކާތެރި ގައުމެއްގެ ގޮތުގައި ވަނީ ލިސްޓް ކޮށްފައެވެ.

ޖަރުމަންވިލާތަކީ ވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެކެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ރާއްޖެ އަކީ ކޮވިޑް-19 ގެ ނުރައްކާ އޮތް ގައުމެއް ނޫންކަމަށް ޖަރުމަންވިލާތުގެ ސަރުކާރުން ނިންމާފައި އޮތުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯބުޅި

    އޮޅުމަކުން ކަންނޭގޭ ބަލަން ތިބެމާ!

    3
    2
  2. ޢަފީ

    އަލްޙަމްދުލިއްލާހި ☺️

  3. ހަމްދު

    ޓެސްޓު ކުރުން މަދުކޮށްފައި މި ގައުމުގައި ވައިރަހެއް ނެއްކަމަށް ދައްކައިގެން ސަކަރާތް ޖަހަން މި ސަރުކާރުން އުޅެނީ.