ކޮވިޑް-19 އާ ގުޅިގެން މާލޭ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ދީފައިވާ ލުއިތަކާއެކު، މާލޭ ސިޓީގައި ގާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކުންނާއި ސަރވިސް ސެންޓަރތަކުން ހިދުމަތް ދެމުންދަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކަމަށް އެ ބޭންކުން މިއަދުވެސް ބުނެފިއެވެ.

އެ ބޭންކްގެ ޕަބްލިކް ރިލޭޝަން މެނޭޖަރ ސައީދު ވިދާޅުވީ، އެ ބޭންކުން ޚިދުމަތް ދެމުންދަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ. އެހެންވެ ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ބޭންކު އެޕޮއިންޓްމަންޓް ހެދުމަށް މި ލިންކަށް ފިއްތާލާށެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކުން ޚިދުމަތް ހޯއްދެވުމަށް ބޭންކަށް ދިއުމުގެ ކުރިން ކަސްޓަމަރުން އެޕޮއިންޓްމަންޓް ހެދުމަށް އެދޭ ކަމަށެވެ.

"އެޕޮއިންޓްމަންޓް ހަަމަޖެހޭ ގަޑިއަށް ކަސްޓަމަރުން ބޭންކަށް އައުމަށް އިލްތިމާސްކުރަން، ގަޑިއަށް ނާދެވޭ ކަސްޓަމަރުން ޖެހިގެން އަންނަ ދުވަހަށް އެޕޮއިންޓް ހެދުމަށް ހަނދާންކޮށްދެން. ބްރާންޗް އަދި ސަރވިސް ސެންޓަރތަކުން ދެމުންދާނީ އޮންލައިން އަދި ސެލްފް ސަރވިސް ސެންޓަރތަކުން ނުލިބޭ ޚިދުމަތްތައް"، ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ ޕީއާރް މެނޭޖަރ ސައީދު - ފޮޓޯ: ބީއެމްއެލް

ޖޫން މަހުގެ ނިޔަލަށް ބޭންކު ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ.

ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެއެވެ. މި ގޮތުން ބުރާސްފަތި ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ބުދަ ވިލޭރޭ 12:00 އިން ފެށިގެން ބުދަ ދުވަހުގެ ހަވީރު 5:00 އާ ހަމަޔަށް ހުޅުވާލެވޭނެއެވެ.

ޚިދުމަތް ހޯދުމަށް ބޭންކަށް ދާ ކަސްޓަަމަރުން ސަމާލުކަން ދޭންވީ ކަންތައްތައް
- މާސްކު އެޅުން
- ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން
- އަމިއްލަ ގަލަން ގެނައުން
- ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން

ބޭންކުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ. އަދި މާލޭގެ ލޮކްޑައުންއަށް ލުއިތަކެއް ދީފައިވީ ނަމަވެސް ބޭންކުގެ ހިދުމަތްތައް ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ހޯއްދެވުމަށްވެސް ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު