އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ސްރީލަންކަން އިން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަނުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައިވަނީ މިިއަހަރުގެ މާރިޗް މަސް ތެރޭގައެވެ. ރާއްޖޭގެ ބޯޑަރު 15 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާކަން ސަރުކާރުން ހާމަ ކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.

އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ، ބޯޑަރު ހުޅުވުމާއެކު ސްރީލަންކަންގެ ދަތުރުތައް ކުރާނީ ބުދަ، ބުރާސްފަތި އަދި އާދީއްތަ ދުވަހު ކަމަށެވެ.

"އެހެން ގައުމުތަކުގެ ބޯޑަރު ހުޅުވާ ވަރަކުން ދަތުރު އިތުރުވާނެ ކަމަށް ވަނީ ބުނެފައި" ފިރާގު ވިދާޅުވިއެވެ

މިހާރުވެސް ސްރީލަންކައިން އިން ހަފްތާއަކު ތިން ދުވަހު ރާއްޖެއަށް ކާގޯ ފްލައިޓްތައް ބާއްވައެވެ.