ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ވަގުތީގޮތުން ބަންދުކޮށްފައިވާ، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި، މައިކްރޮސޮފްޓުގެ ހުރިހާ ސްޓޯރެއް ހިންގުން ހުއްޓާލަން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށް ހުކުރު ދުވަހު މައިކްރޮސޮފްޓުން ބުނެފައިވަނީ، އެ ކުންފުނީގެ ސްޓޯރުތައް ދެން އިތުރަށް ނުހުޅުވާ ގޮތަށް ނިންމައި، ކުންފުނީގެ އޮންލައިން ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ ކުންފުނިން ބަރޯސާވާނީ އޮންލައިން ވިޔަފާރިއަށް ކަމަށް ވެސް މައިކްރޮސޮފްޓުން ވަނީ ބުނެފައެވެ.

ދުނިޔޭގެ ބައެއް އެހެން ބޮޑެތި ކުންފުނިތައް ވެސް، ކޮވިޑް-19 އާއި ގުޅިގެން ހިންގުން ހުއްޓުމަކަށް އައިސްފައިވާއިރު، މި ވައިރަސް އާއި ގުޅިގެން މައިކްރޮސޮފްޓްގެ ސްޓޯރުތައް ވަގުތީގޮތުން ބަންދުކުރީ މިދިޔަ މާރިޗު މަހުގެ ފަހުކޮޅުއެވެ. އެއަށްފަހު މިހާތަނަށް އެ ސްޓޯރުތަކުގެ ޚިދުމަށް އަލުން ފަށާފައެއް ނުވެއެވެ.

މައިކްރޮސޮފްޓުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ލެޕްޓޮޕާއި ހާޑްވެއާގެ އެނޫންވެސް އިތުރު ސާމާނު ވިއްކުމަށް ޚާއްސަ، އެ ކުންފުނީގެ 72 ސްޓޯރެއް އެމެރިކާގައި ހުރެއެވެ. އަދި އެހެން ޤައުމުތަކުގައިވެސް އެ ކުންފުނީގެ ގިނަ ސްޓޯރުތައް ހުރެއެވެ. މައިކްރޮސޮފްޓުން އޮންލައި ވިޔަފާރި ފުޅާކުރުމަށް ނިންމި ނިންމުމާއެކު މި ހުރިހާ ސްޓޯރެއް ބަންދުކުރާނެއެވެ.

ޤައުމުތަކުގައި ހިންގާ މައިކްރޮސޮފްޓުގެ ސްޓޯރުތައް ހިންގުން ހުއްޓާލުމަށް ނިންމާފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ގެއްލުން ފޫބައްދައި، ވިޔަފާރީގެ ފައިދާ އިތުރު ކުރުމުގެ ގޮތުންނެވެ. މި ނިންމުމާއެކު ކުންފުންޏަށް 450 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވިފައި ވެއެވެ.