ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ އޮންލައިން" ގެ ރަސްމީ ވެބްސައިޓް ލޯންޗު ކޮށްފިއެވެ.

ދުނިޔޭގައި މަޝްހޫރު އަދި ވެހިންގެ މެދުގައި މަޤުބޫލު ގިނަ އުފެއްދުންތަކާއި ޕްރޮޑަކްޓުތައް އެއްތަނަކުން ވިއްކުމަށް މީގެ އަހަރެއްހައި ދުވަސްކުރިން ފޭސްބުކް ޕޭޖް މެދުވެރިކޮށް އޮންލައިން ވިޔަފާރި ކުރަން ފެށި "ލިބޭ" އިން ވެބްސައިޓް ފަށާފައި މިވަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަކަމާއެކު ތަކެއްޗަށް އޯޑަރުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

"ލިބޭ" އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ޕްރޮޑަކްޓުތަކުގެ މަޢުލޫމާތާއި ފޮޓޯ އަދި އަގު، "ލިބޭ" ގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ. އަދި މިތަކެތި ބޭނުންކުރުމުގެ އިރުޝާދުތައްވެސް މި ވެބްސައިޓުން ލިބިގެންދާނެއެވެ. އަދި ވެބްސައިޓު މެދުވެރިކޮށް "ލިބޭ" ގެ ޕްރޮޑަކްޓުތަކަށް ކަސްޓަމަރުންގެ ޚިޔާލު، އާންމުކޮށް ފެންނާނެހެން ފޮނުވައި، އެ ޕްރޮޑަކްޓުތައް ރޭޓް ވެސް ކުރެވޭނެއެވެ.

މީގެ އިތުރުން އެއްފަހަރާއި ގިނަ ތަކެއްޗަށް ފަސޭހަކަމާއެކު އޯޑަރުކޮށް، ފައިސާގެ ޖުމްލަ އަދަދު ބަލާލުމަށް ޚާއްސަކޮށްގެން މި ވެބްސައިޓުގައި "ޝޮޕިން ކާޓް" އެއްވެސް ހިމަނާފައި ވެއެވެ. މި ވެބްސައިޓުން "ލިބޭ" އިން ކުރިޔަށްގެންދާ ޚާއްސަ ޕްރޮމޯޝަންތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ފެންނާނެއެވެ.

ވެބްސައިޓް ލޯންޗުކުރުމާއި ގުޅިގެން މަޢުލުމާތު ދެމުން "ލިބޭ" ގެ އޮފިޝަލަކު ބުނެފައި ވަނީ، މިއީ އެ ވިޔަފާރިއަށް ގިރާކުރެވުނު މުޙިންމު އާ ހަރުފަތެއް ކަމަށެވެ. އަދި މި ވެބްސައިޓާއެކު ކަސްޓަމަރުންނަށް އޯޑަރު ކުރުމަށް އިތުރު ބޮޑު ލުޔެއް ލިބިގެންދާއިރު، ކުރިޔަށް އޮތްތަކުގައި ވެބްސައިޓަށް އިތުރު ކުރިއެރުންތައްވެސް ގެންނާނެ ކަމަށް އޮފިޝަލް ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޕްރޮޑަކްޓުތައް، އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް. މިއާއެކު އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވިޔަފާރިކޮށްލެވޭނެ ގޮތްތަކެއް ހޯދައިދީ، ވަގުތުން އޯޑަރުތައް ފޯރުކޮށްދިނުމަށް. ވެބްސައިޓަކުން އޯޑަރު ކޮށް މަޢުލޫމާތު ހޯދޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން މިއީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމެއް،" އޮފިޝަލް ބުނެފައި ވެއެވެ.

"ލިބޭ" ގެ ވެބްސައިޓް ލޯންޗު ކުރިނަމަވެސް، އެ ވިޔަފާރީގެ ފޭސްބުކް ޕޭޖް އަދި ވިޔަފާރީގެ ހޮޓްލައިން، 9759452 އަށް ގުޅައިގެން އޯޑަރުކޮށް މަޢުލޫމާތު ސާފު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެއެވެ.