ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފިއެެވެ.

ބީއެމްއެލް އިން ބުނީ، މި ފަންޑުގެ އެހީގައި ކުމުންދޫގައި އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ތިމާވެއްޓާއި ރަށްޓެހި ޕްރޮޖެކްޓަތަކަށް އިސްކަމެއްދޭ ކަމަށާއި، މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ތަފާތު ޕްރޮޖެކްޓެއް ކަމަށެވެ.

"ޕްރޮޖެކްޓްގެ ސަބަބުން ކުމުންދޫގެ ކަރަންޓް ގްރިޑަށް ލޯޑް ކުޑަވެ، ކަރަންޓަށް ކުރާ ހޭދައަށް ލުޔެއް ލިބިގެންދާނެ. ކައުންސިލުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާ ގޮތުގައި ކަރަންޓް ލޯޑްކުޑަކުރުމަށް ވަރަށް ގިނައިން މަގުބައްތިތައް ނިއްވާލަންޖެހި އެކަމުގެ ދަތި އުނދަގޫތަކާ ރައްޔިތުން ތަހައްމަލްކުރަން ޖެހޭކަމަށް. އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮޖެކްޓާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދިޔުން.". ސައިދު ވިދާޅުވިއެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އަމީން މުހައްމަދު ވިދާޅުވީ، އޭނާ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރިކުރުވާ އަދި އިތުބާރު އުފެއްދުން ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ބައެއް ފަހަރު އިންޖީނުގެއަށް ލޯޑުކުޑަކުރުމަށް ކަރަންޓްކަނޑާލެވޭ ވަގުތު ތަކުގައިވެސް އެރަށު މަގުތަކަކީ އެންމެނަށް އަމާން ތަނަކަށް ވެގެންދާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"މިހާރު މިރަށުގެ އާންމު ތަންތަނަށް ކަރަންޓް ދިނުމަށް ހޭދަކުރާ މިންވަރުން %20 ކުޑަވެގެން ދާނެކަމަށް ގަބޫލްކުރެވޭ. މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށާއި މި ރަށުގެ ރައްޔިތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން." އަމީން ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    އަމީނޫ ސުކުރިއްޔާ ތިޔަކޮއްދެއްވި މަސައްކަތައް.

  2. ޝިިހާމް

    މިހާގިނަ ރަށްރަށަށް ކަރަންޓު ދެވޭނެ ވަރު ފެނަކައިގަ ނެތީ. ފެނަކަ ވީހާލެއްގަ ވާން ދޫކޮށްލައިގެން، ރަށްރަށުގަ ހާދަ ހާލެއްގައޭ ރައްޔިތުމީހާ އެއުޅެނީ.
    ފެނަކަ ނޫންގޮތެއް ހޯދަން އެބަޖެހެ.