މިއަހަރުގެ ތެރޭގައި ރައްޖެއިން ސިންގަލް ފްލައިޓަކުން އެންމެ ގިނަ އަދަދަކަށް ކާގޯ ބޭރުުކޮށްފައި ވަނީ އިއްޔެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލް އިން މިއަދު ކޯށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިއަހަރުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެންމެ ގިނަ އަދަދަކަށް ސިންގަލް ފްލައިޓަކުން ކާގޯ ބޭރުކޮށްފައި ވަނީ އިއްޔެ ކަމަށާއި، މިތަކެތި ރާއްޖެއިން ބޭރުކޮށްފައި ވަނީ ޓާކިޝް އެއާލައިނުގެ މަތިންދާބޯޓަކުން ކަމަށެވެ.

މިއީ މިއަހަރުގެ ތެރޭގައި ވައިގެ މަގުން ކޮށްފައިވާ އެންމެ ބޮޑު އެކްސްޕޯޓެވެ.

އިއްޔެ އެކްސްޕޯޓް ކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ، ޔޫރަޕަށް އެކްސްޕޯޓުކުރި 32.2 ޓަނުގެ ގަނޑުކުރި މަހާއި، 1 ޓަނުގެ ލައިވް ފިޝް އާއި، ފާ އީސްޓަށް އެކްސްޕޯޓުކޮށްފައިވާ ފިނިކުރި ލަނޑައެވެ.

ޖުމްލަ 33.4 ޓަނު އެ ފްލައިޓުގައި ވަނީ ކާގޯކޮށްފައެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އެއްގައުމުން އަނެއް ގައުމަށް ފެތުރުން ހުއްޓުވުމަށްޓަކާ، ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވީނަމަވެސް ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށާއި، ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ފްލައިޓްތައް ދަނީ ބާއްވަމުންނެވެ. މިއަދު ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފަށާއިރު، މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.