އެގާރަ އަހަރުގެ މެދުކެނޑުމަށް ފަހު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެމްޓީޑީސީ) ގެ ހިއްސާގެ ފައިދާ ބެހުމަށް ނިންމައިފިއެވެ.

އެމްޓީޑީސީން ވިދާޅުވީ ފާއިތުވި 2019 ވަނަ އަހަރު އެ ކުންފުންޏަށް މާލީ ގޮތުން ރަނގަޅު ފައިދާއެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެމްޓީޑީސީގެ ހިއްސާގެ ފައިދާ ބަހަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

" އެމްޓީޑީސީގެ މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބު، ޖޫން މަހުގެ 29 ވަނަ ދުވަހު ބޭއްވި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ." އެމްޓީޑީސީއިން ވިދާޅުވިއެވެ.

މިދިޔަ އަހަރު އެމްޓީޑީސީގެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ ހިއްސާއެއްގެ މޫނުމަތީ އަގަކީ 10ރ. ކަމަށާއި ހިއްސާގެ ފައިނާގެ ގޮތުގައި ބަހާނީ ހިއްސާއަކަށް 50 ލާރި ކަމަށެވެ.

އެމްޓީޑީސީން ވިދާޅުވީ އެ ކުންފުނީގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ބަޔާންކުރާ މާލީ ހިސާބުތައް ބަދަލު ކުރަން ނިންމި ތާރީޚާއި ހަމައަށް ކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށެވެ.

ކުރިން އެމްޓީޑީސީގެ ހިއްސާއެއްގެ މޫނުމަތީ އަގަކީ 100ރ. އެވެ. ނަމަވެސް 2014 ވަނަ އަހަރު ހިއްސާއެއްގެ މޫނުމަތީ އަގަކީ 10ރ. ކަމަށް ނިންމައިފައެވެ. އެހެންކަމުން 2014 ވަނަ އަހަރު ހިއްސާ ސްޕްލިޓްކުރުމުގެ ކުރިން ހިއްސާގެ މޫނުމަތީ އަގު ކަމަށްވާ -/100ރ ގެ މަގުން ބަލާނަމަ ހިއްސާއަކަށް ފައިދާގެ ގޮތުގައި ބަހަން ޖެހޭނީ 5ރ. އެވެ.

އެމްޓީޑީސީއިން ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކުންފުންޏަށް ލިބޭ ފައިސާ އިތުރުކުރަން މަސައްކަތް ކުރާ ކަމަށާއި އެ ކުންފުނި ހިންގުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ބިޒްނަސް މޮޑެލް އަށް ވަނީ ބަދަލުގެނެސްފައެވެ.

އެމްޓީޑީސީން އާންމު ކުރެއްވި، 2019 ވަނަ އަހަރު މާލީ ރިޕޯޓުގައި ބުނެފައި ވަނީ އެ އަހަރުތެރޭ އެ ކުންފުންނަށް މާލީ ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާ 2019 ވަނަ އަހަރު ނިމުނު އިރު ކުންފުންޏަށް އާމްދަނީގެ ގޮތުން ލިބިފައި ވަނީ 3.68 މިލިއަން ޑޮލަރެވެ. އަދި ޓެކްސް އަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 1.24 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

އެމްޓީޑީސީއަކީ ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާއޮންނަ ކުންފުންޏަކަށް ވާއިރު އެ ކުންފުންޏަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާބޭބެ ނޭފަރު

    އަހަރެމެންނަށް ވަރިހަމަ ޗައެއް ނުދިނަކަސް. ޗަ ކޭ ކަލޭމެން.

  2. ލަދު

    ތިކުންފުނި އުވާލާ ރަތްޔަތުން މޮޔަ ހައްދައިގެން އަތުގައި ހުރި ލާރިކޮޅުއަތުލީ މަކަރާއި ހީލަތުން އަދިވެސް ތިވާހަކަ ތިދައްކަނީ ކޮން މަޢުސަދެއް ހާސިލުނުވެގެން ރަންބިސްއަޅާކުކުޅު ބިސްފީކުރަނީތިޔަހެންބާ؟މަކަރުހެދިޔަސް ތީ ބޮޑުވަރު