ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށްޓަކައި ވޯލްޑް ބޭންކު ގްރޭޕްގެ މެންބަރެއްކަމަށްވާ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 50 މިލިއަން ޑޮލަރާ ހަމަޔަށް ލޯނު ދޫކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށާއި، ވަޒީފާތައް ގެއްލިގެން ދިޔުމުން ރައްކާތެރިކަން ހޯދައިދިނުމަށާއި ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށްކުރަމުންދާ ނޭދެވޭ އަސަރުކުޑަކުރުމަށް ކުރަމުންދާ މަަސައްކަތްތަކަށް ކަމަށެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ދޫކުރާ މި ލޯނު ފެސިލިޓީގެ ދަށުން ފުރަތަމަ 20 މިލިއަން ޑޮލަރު ދޫކުރުމަށް މިއަދު ވަނީ ނިންމާފައެވެ.

މިއީ އައިއެފްސީގެ ފަރާތުން ގައުމުތަކަށް އެހީތެރިވުމަށް ހިންގޭ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނެކެވެ. މި ލޯނުގެ ސަބަބުން ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތައް ހިންގުމަށް ވަރަށް މުހިންމުވެފައިވާ ފައިސާ އެ ވިޔަފާރިތަކަށް ލިބި، އެކަމުން އެ ފަރާތްތަކަށް ނަފާ ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ބުނީ، އިތުރު 50 މިލިއަން ޑޮލަރުގެ ލޯނު ބޭންކް އޮފް މޯލްޑިވްސް އަށް ދޫކުރުމުގެ ފުރުސަތު ލިބިފައިވާކަމުގެ ފެހި ސިގްނަލްވެސް ލިބިފައިވާކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިނާރުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ގައުމުގެ ޖީޑީޕީގެ 3/2 ހިއްސާކުރެއެވެ. އަދި ހަމައެހެންމެ އެ ދާއިރާއިން ރާއްޖޭގެ އެކްސްޕޯޓްގެ 80 އިންސައްތަ އާއި ގައުމަށް ލިބޭ އާމްދަނީގެ 40 އިންސައްތަވެސް ހިއްސާކުރެއެވެ. އަދި ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކޮށް ގައުމަށް މިވޭތުވެދިޔަ އަހަރުތަކުގައި އައިސްފައިވާ ކުރިއެރުމުގެ ފަހަތުގައިވެސް ވަނީ ހަމަ ފަތުރުވެރިކަމުގެ ދާއިރާއެވެ. ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުމާއެކު ފަތުރުވެރިކަން މުޅިންހެން މަޑުޖެހިގެން ދިޔުމާއެކު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއްވެގެންދާނެކަމަށް ބެލެވެނީ ދިވެހިރާއްޖެއަށް ކަމަށްވެފައި، ލަފާކުރުންތަކަށް ބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 13 އިންސައްތައިގެ މިންވަރަކަށް ވެއްޓޭނެކަމަށް ބެލެވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމޯތީ ސޯޔަރ ވިދާޅުވީ، އައިއެފްސީ އިން ދޫކުރާ އެތައް މިލިއަން ޑޮލަރުގެ މި ލޯނަކީ ވަރަށް އެކަށޭނެ ވަގުތެއްގައި އަދި އެހެންމެ މިހާރުގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޭނުންތެރި އެހީއެއް ކަމަށެވެ.

"ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ލޯނު ދޫކުރުމުގައި އެންމެކުރީގައި އޮތް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިން މިހާރުވެސް ވާނީ ރިސޯޓް އަދި ގެސްޓް ހައުސްތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ޝޯޓް ޓަރމް ފައިނޭންސިންގ ޕްރޮގްރާމެއް ތައާރަފްކޮށްފަ."ޓިމޯތީ ވިދާޅުވިއެވެ.

މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށްވާންފެށި، މާރޗް މަހުވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 63 އިންސައްތަ ދަށްވެ ރާއްޖޭގެ ބޯޑަރު މާރޗު މަހު ތެރޭގައި ބަންދުކުރުމާއެކު މިވަނީ 'ސުމަކަށް' ވެއްޓިފައެވެ. ރާއްޖޭގެ އާބާދީގެ ފިރިހެނުންގެ ތިންބައި ކުޅައެއްބައި އަދި އަންހެންނުންގެ ހަތަރުބައި ކުޅައެއްބައި މީހުން ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތުގައި ބައިވެރިވާކަމަށް ލަފާކުރެވެއެވެ. ދާދި ފަހުން އޫއެންޑީޕީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އިން ޝާއިއުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި، ރިސޯޓްތަކުގައި މަސައްކަތްކުރާ 22،000 ދިވެހިންނަށްވަނީ ކޮވިޑް-19 އާ ގުޅިގެން ސީދާ ގެއްލުން ލިބިފައެވެ.

ރާއްޖޭގެ އިގްތިސާދަށް ފަތުރުވެރިކަމުގެ ސިނާއަތުން ލިއްބައިދޭ އެހީތެރިކަމަކީ މުޅި ގައުމުގެ ތަރައްގީގެވެސް މުހިންމު ދައުރެއް އެކުލެވޭ ހަރަކާތަކަށްވުމާއެކު އައިއެފްސީއިން ރާއްޖޭގެ ފަތުރުވެރިކަމަށް ނުހަނު އިސްކަމެއްދެއެވެ. އައިއެފްސީ އިން ރާއްޖެއަށް އަމާޒުކޮށް އެހީތެރިވެދެނީ ތަރައްގީގައި ދިމާވާ ގޮންޖެހުންތައް ކުޑަކޮށް އެންެމެންނަށްވެސް ޝާމިލުވެވޭ، ދެމެހެއްޓެނެވި، އަދި ގުޅުވައިދިނުން ހިމެނިގެން ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ހޯދައިދެވޭ ހައްލުތަކަށެވެ.

އައިއެފްސީއިން ވަނީ 1983 ވަަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޕްރައިވެޓް ސެކްޓަރއަށް އެހީވުމަށް 200 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އިންވެސްޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު