ސުޕްރީމް ކޯޓުން ކުރި ޙުކުމަކާއި ގުޅިގެން ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓާލާފައި އޮތުމަށް ޤާނޫނީ ހައްލެއް ގެނެސް ޓެކްސް އަށް ނުވާ ބައެއް ފައިސާ މީރާ އިން އަލުން ބަލައިގަންނަ ގޮތަށް މާލިއްޔަތު ގަވާއިދަށް އިސްލާހު ކޮށްފިއެވެ.

މާލިއްޔަތު ޤަވައިދަށް ގެނައި އިސްލާހު ބުނާ ގޮތުން މިއަދުން ފެށިގެން އަނެއްކާވެސް ޓެކްސް ފިޔަވައި އެހެން ފައިސާ ވެސް ބަލައި ގަންނާނީ މީރާ އަށެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އޮތް ގޮތުން ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާ ހޯދަން މީރާ އަށް ދައުވާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާ އެކު، ޓެކްސް ނޫން ފައިސާ ބަލައިގަތުން މީރާ އިން އޮތީ ހުއްޓާލައިފަ އެވެ.

ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާގެ ތެރެއިން 73 ބާވަތެއް ބަލައިގަންނާނީ މީރާ އިން ކަމަށާއި މީރާގެ އޮފީހެއް ނުހުންނަ ރަށްރަށުގައި މީރާއިން ކަނޑައަޅާ ފަރާތަކަށް އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ކަމަށް މިއަދު މާލިއްޔަތު ޤަވައިދަށް ގެނައި އިސްލާހުގައި ވެއެވެ. އަދި އެ ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާތައް ވެސް ބަލައިގަންނާނީ މީރާ އިން ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައި، މީރާ އިން ބަލައިގަންނާނެ ފައިސާގެ ތެރޭގައި ކުންފުނި ރަޖިސްޓްރީ ކުރުމާއި ވިޔަފާރި އާއި ގުޅިގެން ދައްކަން ޖެހޭ ފީތަކާއި ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނާއި ދަނޑުވެރިކަމަށް ނުވަތަ ވަރުވާ އަށް ދޫކޮށްފައިވާ ރަށްރަށުގެ ފީއާއި އާއި އުޅަނދުތަކުގެ އަހަރީ ފީ އާއި ގަވާއިދާ ޚިލާފަށް ޕާކްކުރުމުން ކުރާ ޖޫރިމަނާ އާއި ދައުލަތުގެ އިމާރާތްތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ވެސް ހިމެނެ އެވެ. އަދި ބައެއް ގާނޫނުތަކުގެ ދަށުން ކުރެވޭ ޖޫރިމަނާތައް ވެސް ބަލައިގަންނަން ޖެހޭނީ މީރާއިން ކަމަށް އެ އިސްލާހުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު، ކުރިމަތިވި ޤާނޫނީ މައްސަލަތަކަށް އަދިވެސް ހައްލެއް ނާދެއެވެ. ފީތަކާއި ޖޫރިމަނާ ބަލައިގަންނަން މީރާ އަށް މިހާރު ހުރަހެއް ނެތް ނަމަވެސް އެފައިސާ ނުލިބިގެން ދައުވާ ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ނެތުމުން ދެން އެދައުވާތައް ކުރުމާއި ޝަރުއީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތަކާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިލާވަޅު

    ސަރުކާރުގެ އިހުމާލުން ވިޔަފާރިތައް ބަނގުރޫޓްވެ ، ލިބެންޖެހޭ ހުއްދަތައް ލަސްވެ ސަރުކާރުގެ ބިޔޮރޮކްރަސީ ގެ ސަބަނުން ލިބޭގެއްލުން މިޔާއެކު ނުވަތަ ބެންކްރަޕްސީ ގެ ޤާނުންއެއް ނެތި ތިޔަފަދަ ޖުރްމަނާތައް ނެގުމަކީ އިންސާފެއް ނޫން. ފައިސާލަސްވުން ބިލްކުރާއިރު ސަރުކާރުންވެސް އަދި ފިނޭސް މިނިސްޓްރީއިންވެސް ބިލްތަކައް މަދުވެގެން 30 ދުވަހުގެ ތެރޭގައި ޕޭމަންޓް ހެދުން މިފަދަ ކަންކަން ލަސްވާނަމަ ލިބޭގެއްލުން ބަދަލުލީބޭނެ ހަރުދަނާ އުސޫލެއްވެސް އެބަޖަހޭ އަލުން އެކުލަވާލަން

  2. ދުންތަރި

    ސްޕްރީމް ކޯޓުގެ ޙުކުމް ވަރަށް ސާފު ފައިސާ ހޯދުމަށް ދަޢުވާކުރެވޭނީ ކޮންޓްރެކްޓުގެ އެއްބައިވެރިޔަކު އަނެއް ބައިވެރިޔާގެ މައްޗަށް މީރާއަކީ ހުރިހާ ކަމެއްގެ ބެލެނިވެރިޔާއެއްނޫން ހަމަ އެކަނި ސަރުކާރަށް ދައްކާ ފައިސާ ބަލައިގަތުމަށް މީރާ ހަމަޖެއްސިނަމްވެސް ޖުރުމަނާކުރުމާ ވިޔަފާރިތައް ފުނޑާލުމާ ފަރުދުންނާ ކުންފުނިތަޖާ ޖަމާޢަތްތަކުގެ ގޮހޮރު ދަމައިގަތުމަކީ މީރާގެ އިޙްތިޞާސެއްނޫން ކެނެރީ މަޖިލީހުން ޤާނޫނެއް ހަދާލަފާނެ ތިކަމަށްވެސް އޭރުން މީރާއަށް ހައިސިއްޔަތުލިބޭނެ ފަރުދުންނާ ކުންފުމިތައް ޖުރުމަނާކޮށް ދަޢުވާކޮށް ބަނގުރޫޓުކޮށް ގޮހޮރު ދަމައިގަތުމަށް

  3. ޑިމޮކްރަޓިސްޓް

    އަލަށް ފަށާ ވިޔަފާރިތަކުން ދައުލަތަށް ނަގާޓެކްސްތަކުން އަދިވެސް ލުޔެއް ލިބޭނެހޮތެއްނެތް. އެމީހުން ދަރާވިކިގެން ފަށައިގަންނަ ކުޑަ ވިޔަފާރިންވެސް، ބޮޑެތިފައިދާއާއެކީ ކުރިއަރާފަވާ ބޮޑެތި މަހުޖަނުންނެކޭ އެއްވަރަށް ޓެކްސް ދައްކަންޖެހޭ. މިމީހުނަށް ހިންދަމާލެވެންނޯވޭ، މީ މުސީބާތެއް މިގައުމުގަ ޖެހިފައޮތް.