މިމަހުގެ 15 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ހުޅުވާލާއިރު ރާއްޖެ އަށް ފްލައިޓްތައް އަންނާނެ ކަމަށް ސަރުކާރުން އިއުލާން ކޮށްފައިވާ އަދަދަށް ފްލައިޓްތައް ނާންނާނެކަން ކަށަވަރު ވެއްޖެއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބޯޑަރު ހުޅުވާ ދުވަހު ތިން ފްލައިޓް ޖެއްސުމަށް މިހާރު ސްލޮޓް ބުކް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމިރޭޓްސް އަދި އިންޑިގޯ ހިމެނޭ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ނަމަވެސް އެމްއޭސީއެލްއިން އާއްމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް އައުމަށް ހަމަޖެހިފައި ވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެއް އެކަންޏެވެ. މި ފްލައިޓު އަންނާނީ ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެންނެވެ.

މި މަހުގެ 16 ވަނަ ދުވަހު އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާނެއެވެ. ދުބާއީ އިން ރާއްޖެއަށް ހަފްތާއަކު 5 ދުވަހު ދަތުރުތައް ކުރަން ޝެޑިއުލް ކޮށްފައި އެބައޮތެވެ. މި މަހުގެ 18 ވަނަ ދުވަހު އިއްތިހާދު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އިއްތިހާދުން ރާއްޖެއާއި އަބޫދާބީ އާއި ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެއެވެ.

މަހުގެ 15 ގައި ހުޅުވައިލި ނަމަވެސް ގިނަ އެއާލައިންތަކުގެ ދަތުރުތައް ފަށަނީ އޮކްޓޫބަރުގައި ކަމަށް އެމްއޭސީއެލް އިން އިއްޔެ ވަނީ ބުނެފައެވެ.

ގަލްފް އެއާ އާއި ހޮންކް ކޮންގް އެއާލައިނާއި އިންޑިގޯ އާއި ސިލްކް އެއާ އާއި ސިންގަޕޯ އެއާލައިނާއި ސްރީ ލަންކަން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓްގަ އެވެ. ސްވިޓްޒަލޭންޑްގެ އެއިޑުލްވައިސް އެއާލައިން އާއި ޓާކިޝް އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރުގަ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު އީޔޫ އާއި އިނގިރޭސިވިލާތުން އެކުލަވާލާފައިވާ ރައްކާތެރި ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ނެތެވެ. އެހެންކަމުން އެގައުމުތަކުން ރާއްޖެ އަށް ޒިޔާރަތް ކުރާނެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެން ދާނެ ކަމަށް މިދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތ

    އޮޅުނީ ކަމަށް ވާނީ ކޮންމެ ކަމެއްގައި އޮޅިފައި
    ދޮގު ދޮގު

    17
  2. ޖަޒީރާމަނިކު

    އަލީވަހީދު ފޮނިކެނޑުން ނޫންކަމެއްނެތް.

    10
  3. އަލީބެބެ

    މިހާރުވެސް 3 ފްލައިޓް ޖައްސާ