މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) އާ ގުޅޭ ދެ ބަޔާނަކަށް ބަދަލު ގެނެސްފައިވާ ކަަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި ބަދަލު ގެނައީ މީރާ 205 (ޓުއަރިޒަމް ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީ ބަޔާން) އަދި މީރާ 206 (ޓުއަރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާން)އަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޖީއެސްޓީ ބަޔާނުގެ ފުރަތަމަ ބައި "އަނބުރާ ނުލިބޭ ދަރަންޏަށް ނިސްބަތްވާ ޖީއެސްޓީ އަދަދަށް" ބަދަލުކޮށްފައި ވާނެ ކަމަށް އެ އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެ.

މި އައިޓަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ހިމަނަން ޖެހޭނީ އަނބުރާ ދައްކަން ނުލިބޭނެ ދަރަންޏަށް ދައްކާ ޖީއެސްޓީގެ އަދަދު ކަމަށާއި، ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މި އަދަދު ހިމެނުމުގެ ކުރިން މީރާގެ ހުއްދަ ހޯދަން ޖެހޭ ކަަމަށް އެ އޮތޯރިޓީ އިން ވަނީ ވިދާޅުވެފައެވެ.

އެ އޮތޯރިޓީ އިން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭނީ 20.1 ވާޝަން ބަޔާން ކަމަށާއި، އެ ވާޝަން އެ ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޓުއަރިޒަމް ނޫން އެހެން ދާއިރާތަކުން މުދަލާއި އަގުން ނެގޭ ޓެކުހުގެ ގޮތުގައި މީރާއަށް ދައްކަން ޖެހެނީ ހަ ޕަސެންޓެވެ. ޓުއަރިޒަމް ދާއިރާއިން މި އަދަދު ދެ ގުނަކޮށް 12 ޕަސެންޓު ދައްކަން ޖެހެއެވެ.