ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާލޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި ސަރވިސް ސެންޓަރ ތަކުން ހިދުމަތް ދިނުމަށް އޮންލައިން ކިއު ޓޯކަން ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މި ބަދަލާއެކު، ކަސްޓަމަރުންނަށް އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށެވެ.

އަދި އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުން ގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެ ކަމަށާއި، ބޭންކިންގ ހިދުމަތްދޭ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ ކަަމަށް ބީއެމްއެލް އިން ބުންޏެވެ.

ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރ މެދުވެރިކޮށް ކިއުބީ އެޕް ޑައުންލޯޑް ކޮށްލެވޭނެެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ވޭތުވެދިޔަ ދުވަސްތަކުގައި އެ ބޭންކުން ފަސޭހައިން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފައި ކަމަށެވެ.

މިއާއެކު އޮންލައިންކޮށް ހިދުމަތްތައްފޯރުކޮށްދެވި، ކަސްޓަަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދެވިގެންދިޔަ. އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯދެއްވުމަށް. އޮންލައިން ކިއު ގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށްދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ." ޓިމް ވިދާޅުވިއެވެ.

ކިއުބީ މެދުވެރިކޮށް މެއިން ބްރާންޗް، ކަސްޓަމަރ ސަރވިސް ސެންޓަރ، މާލެ ބިޒްނަސް ސެންޓަރ، ބީއެމްއެލް އިސްލާމިކް ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުގެ ހިދުމަތް ހޯދުމަށް ޓޯކެން ލިބިގެންދާނެއެވެ. ބްރާންޗްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދުމަށް އެޕް މެދުވެރިކޮށް ފެންނަ 'ވެއިޓިންގ ޕޮޒިޝަން' ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތުގައެވެ.

އޮންލައިން ކިއު ޓޯކަންއާ ގުޅޭ އިތުރު މައުލޫމާތު www.bankofmaldives.com.mv/online-queue-tokens ލިބެން ހުންނާއެވެ.

އާންމު ފަރުދުން އެކައުންޓް އޯޕަނިންގ ސެންޓަރ އާއި ލޯން ސެންޓަރ އިން ހިދުމަތް ހޯދުމަށާއި ވިޔަފާރިތަކުން ބިޒްނަސް ސެންޓަރއިން ލޯން އަދި އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމުގައިވާތީ ބޭންކުގެ ވެބްސައިޓްގައިވާ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދިހުށަހެޅޭނެއެވެ. އެޕޮއިންޓްމަންޓް އަދި އޮންލައިން ޓޯކަން އާ ނުލައި އުމުރުން ދުވަސްވީ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުންނަށް ބްރާންޗްތަކުންނާއި ސަރވިސް ސެންޓަރތަކުން ހިދުމަތް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 56 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު