ރާއްޖެއަންނަ ފަތުރުވެރީން ވިޔަފާރީގެ ޢުސޫލުން ބޭތިއްބޭނީ ރަޖިސްޓްރީކޮށްފައިވާ ތަންތާގައި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވިދާޅުވެއްޖެއެވެ.

މިއަދު އެ މިނިސްޓްރީއިން އާންމުކުރި އިއުލާނުގައި ވިދާޅުވީ ޓްއަރިޒަމާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެމަތީން ރާއްޖެއަންނަ ފަތުރުވެރީން ވިޔަފާރީގެ ޢުސޫލުން ބޭތިއްބޭނީ ރަޖިސްޓްރީކޮށްފައިވާ ތަންތާގައި ކަމަށާއި އެޤާނޫނުގައި ބުނެފައިވާގޮތުގެ މަތީން އެފަދަ ތަންތަން ހިންގަންވާނީވެސް އެމިނިސްޓްރީގެ ހުއްދަ ނަގައިގެން ކަމަށެވެ.

އަދި މިފަދަ ތަންތަން ހިންގަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެތަނެއް ރަޖިސްޓްރީކޮށް، އެފަދަ ތަންތަން ހިންގުމަށް މިމިނިސްޓްރީއިން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައިކަމުގައި ކަމަށް އިއުލާނުގައި ވެއެވެ.

ނަމަވެސް މިހާރަކަށް އައިސް ރަޖިސްޓްރީނުކުރާ ތަންތަނުގައި ވިޔަފާރީގެ ޢުސޫލުން ޓޫރިސްޓުން ބައިތިއްބާކަމުގެ ރިޕޯޓް ލިބެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ވަނީ އަންގާފައި އެވެ.

ރާއްޖޭގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު ގެސްޓްހައުސް ހިންގުމަށް ހުއްދަ ދޫކުރަނީ ވަރަށް ގިނަ ޝަރުތުތަކެއް ފުރިހަމަ ވެގެންނެވެ. އޭގެތެރޭގައި ގެސްޓްހައުސްގައި ސަލާމަތީ ގޮތުން ވެސް ވަކި ޝަރުތުތަކެއް ހަމަ ކުރުން މަޖުބޫރުވެއެވެ. އެހެންކަމުން ބައެއް މީހުން ހުއްދަ ނެގުމެއް ނެތި ގެސްޓްހައުސް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމާ

    ހުޅުމާލޭގައި ވަރަށްގިނަ ގެސްޓްހައުސް އެބަހުއްޓެވެ އެތަންތަނުގައި ރެސްޓޯރަންޓްގެ ޚިދުމަތްތައްވެސް ހިންގައެވެ ހުއްދައޮވެގެން ކުރާކަމެއްހެނެއް ހިއެއްނުވެއެވެ ކޮންމެތަނަކުން ހެދިކާފަދަ ތަކެއްޗާއި ބޮޑެތި ކެއުންތައް ލިބެންހުރެއެވެ