މޯބައިލް ފޯނާއި މޯބައިލް ފޯނާއި ގުޅުން ހުރި ތަކެތި ވިއްކާ ބަންކާ މޯބައިލް ސެންޓަރ ހުޅުވައިފިއެވެ.

މަޖީދީމަގުގެ މެދެއްހާ ހިސާބުގައި ހުންނަ ޑައިނަމޯ ސެންޓްރަލްގެ ތިރީގައި ހުންނަ ބަންކާ ހުޅުވާދެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްއެވެ.

ބަންކާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ފިހާރައިން ވަނީ ކޮމަންވެލްތްގެ ފަރާތުން އޮންލައިންކޮށް ކޯސްތަކެއް ހެދުމަށް ފުރުސަތު ލިބުނު 50 ޒުވާނުންގެ ތެރެއިން 25 ޒުވާނަކަށް ހިލޭ އިންޓަރނެޓް ދިނުމުގެ ރަމްޒީ ލިޔުން ހަވާލުކުރައްވާއެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ބަންކާގެ ވިޔަފާރި އަކީ އެހެން ޒުވާނުންނަށް ނަމޫނާއެއް ކަމަށެވެ. ކުޑަ އަދަދެއްގެ ފައިސާ އިންވެސްޓްކޮށްގެން ކުރިއެރުމުގަައި އެހެން ޒުވާނުން ބަންކާ ނަމޫނާ އަކަށް ބަލަން ޖެހޭ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ. އަދި ބަންކާއިން ޒުވާނުންގެ ތައުލީމް ކުރިއެރުވުމަށްޓަކާ ވެދިން އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ކޮމަންވެލްތް އޮތް ލަރނިންގެ ފަރާތުން އެބަ އޮވޭ 50 ޒުވާނުންނަށް އޮންލައިން ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު. ދެން މިހާރު އިއުލާންކޮށްގެން ވަނީ ކުދިންވެސް ނެގިފައި. ދެން އޭގެ ތެރެއިން 25 ކުއްޖަކަށް މި ފިހާރައިން މި ހަމަޖައްސާދިނީ ހިލޭ އިންޓަރނެޓް. އެއީ މީގެ ކުރިންވެސް މަޝްވަރާ ކުރެވުނު އިރު ވަރަށް ބޮޑަށް އެ ކިޔަވާ ކުދިންނަށް ހޯދަދޭން ބޭނުންވެފައޮތް ފުރުސަތެއް." މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ބަންކާގެ ސީއީއޯ އަމީޒް މުހައްމަދު ވިދާޅުވީ ބަންކާއިން ފޯނާއި، ފޯނު ކަވަރ، ސްޕީކަރ ފަދަ ތަކެތި ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ކުޑަކުޑަ އެއްޗަކުން ފަށައިގަތް ވިޔަފާރިއެއް. އަޅުގަނޑުމެން އޮންލައިންކޮށް ފުރަތަމަ ފެށީ. ފޯނުކޮޅެއް ގެނެސްގެން ފަށައިގެން މިހާރު އަޅުގަނޑުމެން މިވަގުތު ދެވަނަ ފިހާރަ މި ހުޅުވުނީ. މިހާރު ލިބެން ހުންނާނެ ދުނިޔޭގައި ބޭނުން ކުރާ ހުރިހާ ވައްތަރެއްގެ ފޯނެއް. މާލޭގެ އެންމެ ރަނގަޅު އަގުގައި." އޭނާ ވިދާޅުވިއެވެ.

މިރޭ ހުޅުވީ މީގެ 4 ވަރަކަށް އަހަރު ދުވަސް ކުރިން އޮންލައިންކޮށް ވިޔަފާރި ފެށި ބަންކާގެ ދެވަނަ އައުޓްލެޓެވެ. ބަންކާގެ ފުރަތަމަަ އައުޓްލެޓް ހުންނަނީ މަޖީދީ މަގު ގަލޮޅު ދަނޑު ކައިރީގައެވެ. އެތަނަށް ނަން ދީފައިފައިވަނީ ބަންކާ މޯބައިލް ޕްލަސްގެ ނަމުންނެވެ.

ބަންކާ އިން މޯލްޑިވްސް އިސްލާމިލް ބޭންކާއި، އެމްއެފްއެލްސީ އަދި ބީއެމްއެލް އީޒީ ޕޭ އަދި ބީއެމްއެލް އިސްލާމިކް ބޭންކް މެދުވެރިކޮށް އިންސްޓޯލްމެންޓް ސްކީމްއަށް ތަކެތި ލިބޭނެ ކަމަށް ބަންކާ އިން ބުނެއެވެ.