މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އެމްރިކާގެ މަޝްހޫރު ޓީވީ ޗެނަލް ސީއެންއެން ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސި އިން ހާމަކޮށްފައިވާ ގޮތުގައި މި ކެމްޕެއިން ފަށާފައި ވަނީ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދެއްގައި އޮތުމަށްފަހު މިއަދު އަލުން ފަތުރުވެރިކަމަށް ހުޅުވާލުމާ ގުޅިގެންނެވެ. މި ކެމްޕެއިނުގައި ރާއްޖޭގައި ތިބި ތަފާތު މަސައްކަތްތެރިންނާއި ހުނަރުވެރިންގެ މަސައްކަތްތައް މުޅި ދުނިޔެއަށް ދައްކާލައި އެމީހުންގެ ތަޖުރިބާ ހިއްސާކުރުން އޮންނާނެއެވެ.

މި ކެމްޕޭނުގެ ދަށުން އެންމެ ފުރަތަމަ ފެނިގެންދާނީ "ފައިވް ރީޒަންސް ޓު ލަވް މޯލްޑިވްސް" ނަމަކަށް ކިޔާ ސެގްމެންޓެއް ކަމަށާއި، ސީއެންއެން އިން މޫސުމީ ހަބަރުތައް ގެނެސްދޭ ވަގުތުތަކުގައި ރާއްޖޭގެ މަންޒަރުތައް ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖެ ރީޑިސްކަވާ ކުރަން ބޭނުންވާ ފަތުރުވެރިންނަށް ސީއެންއެންއިން ރާއްޖެ އާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރާނެ ކަމަށެވެ. އަދި މި ކެމްޕެއިންގެ އަމާޒަކީ ރާއްޖޭގެ ރީތިކަމާއި ތަޖުރިބާކާރު މީހުންގެ ހުނަރުތައް މުޅި ދުނިޔެއަށް ހިއްސާކުރުން ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 އާއި ގުޅިގެން "މޯލްޑިވްސް: ދި ސަން ވިލް ރައިސް އެގެއިން"ގެ ނަމުގައިވެސް ވަނީ ހާއްސަ ކެމްޕޭނެއް ފަށާފައެވެ. މި ޝިޔާރުގެ ދަށުން ވަނީ ވަރުގަދަ ފޭސްބުކް ލައިވްއެއްވެސް ކުރިއަށް ގެންގޮސްފައެވެ. ގަޑިއިރުތަކަކަށް ދެމިގެން ދިޔަ މި ލައިވްގައި މަޝްހޫރު މީހުންނާއި، ކުރިން ރާއްޖެއަށް އައިސްފައިވާ ބައެއް ފަތުރުވެރިން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިދުރީސް

    ޢެއްބަސްވި އަގުހާމަ ކުރުމަކީ ދިވެހި ރައްޔިތުން މިއަދުބޭނުންވާނެކަމެއް.

  2. ޢަންސާރު

    ޢިޒްރޭލާއެކު ދާހިލީ ގުޅުންވެސް މި ލާދީނީ ވެރިކަމުގަ ގާިމް ކުރާނެ...