ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ނިންމައިފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކޮމިކް މިނިސްޓްރީގެ ރަޖިސްޓްރަ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އެ މިނިސްޓްރީއާ ކަސްޓަމްސް މަޝްވަރާކޮށް ހޯދި ހޯދުންތަކުން ފާހަގަ ކުރެވުނީ ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ކަމަށެވެ.

މީގެކުރިން ފަސް ޕަސެންޓުގެ ޑިއުޓީއެއް ނަގަމުން އަންނަ މެޓާ ފަދަ ބާވަތްތަކުން 15 ޕަސެންޓު ނެގުމަށް ނިންމާފައިވާއިރު އޭގެތެރޭގައި ހިމެނެނީ މެޓައާ ޗުއިންގަމާއި އެފަދަ ޝުގާ ކޮންފެކްޝަނަރީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކެވެ. މީގެއިތުރުން ކޮކޯ އެކުލެވޭ މެޓާގެ ބާވަތްތަކުން އަދި އެފަދަ ޝުގާ ކޮންފެކްޝަނަރީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކުން ވެސް 15 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި އެކި ބާވަތްތަކުގެ ތައްޔާރީ މަހާއި، ތައްޔާރީ ކާނާގެ ބާވަތްތައް އަދި ކުޑަކުދިން ކެއުމަށް ބޭނުންކުރާ މެޓާފަދަ ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ވިސާމް ވަނީ ވިދާޅުވެފައެވެ.

ވިސާމް ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަން ފަންޑެއް މިހާރު ގާއިމްކޮށްފައިވާނެ ކަމަށާއި، އެ ފަންޑް މެދުވެރިކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް ފަންޑުކުރުމަށް ނިންމާފައިވާކަަމަށެވެ.

ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކާއި ދުންފަތުގެ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިން އިންސައްތަ އެ ފަންޑަށް ކޮންޓްރިބިއުޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން މިފަދަ ކަންކަމުން އާންމުން ދުރުހެލި ކުރުމަށް އެކި ޕްރޮގްރާމްތައް ހިންގޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އެނާޖީ ޑްރިންކުތަކުން ނަގާ ޑިއުޓީވެސް ބޮޑުކުރުމަށް ނިންމާފައެވެ. އަދި ސިނގިރޭޓުން ނަގާ ޑިއުޓީވެސް މިހާރު ވަނީ ބޮޑުކޮށްފައެވެ.