މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކުޅި މިރުސް މަސްދަޅު ތަޢާރަފް ކޮށްފިއެވެ.

މިކަން ހާމަކޮށް މިފްކޯއިން މިރޭ ބުނެފައި ވަނީ، އެންމެ ފަހުން އެ ކުންފުނިން އުފައްދާފައިވާ މި ބާވަތަކީ، ގިތެޔޮ މިރުސް ހިމަނައިގެން ތެލުގައި ބަންދުކޮށްފައިވާ ކަނޑުމަހުގެ މަސްދަޅެއް ކަމަށެވެ. "ހޮޓް ޗިލީ ޓޫނާ ޗަންކްސް" ގެ ނަމުގައި ތަޢާރަފްކޮށްފައިވާ މި މަސްދަޅަކީ ގިނަބައެއްގެ މަޤުލޫބުކަން ލިބިގެންދާނެ މީރު އުފެއްދުމެއް ކަމަށް މިފްކޯއިން ބުނެއެވެ.

އެ ކުންފުނިން ބުނެފައިވަނީ، މި މަސްދަޅަކީ ސޭންޑްވިޗް އާއި ޕާސްތާ އަދި ސެލެޑްތައް ވަގުތުން ތައްޔާރުކޮށްލުމަށް ވެސް ބޭނުންކުރެވޭހެން އުފައްދާފައިވާ ބާވަތެއް ކަމަށެވެ.

މިފްކޯއިން ބުނެފައިވާ ގޮތުން މިހާރު މި ބާވަތުގެ މަސްދަޅު މާލޭގައި ހުންނަ މިފްކޯ މަސްފިހާރަ އާއި ކޫއްޑޫގައި ހުންނަ އެ ކުންފުނީގެ ފިހާރައިގެ އިތުރުން އައްޑޫ އާއި ފެލިވަރުން އަދި ކުންފުނީގެ އައިސް ޕްލާންޓްތަކުން ލިބެން ހުންނާނެއެވެ. މި ތަންތަނުން މި ބާވަތުގެ މަސްދަޅު ހޯލްސޭލް އަދި ރީޓެއިލްކޮށްވެސް ވިއްކަން ހުންނާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނެފައިވާ ގޮތުން "ހޮޓް ޗިލީ" މަސްދަޅެއް އެކުންފުނިން ރީޓެއިލްކޮށް ވިއްކަނީ 14.50 ރުފިޔާއަށެވެ. އަދި މަސްދަޅު ކޭހެއްގެ އަގަކީ 670 ރުފިޔާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން މީގެ ކުރިން ވަނީ ހިކިމިރުސް މަސްދަޅާއި އަސޭމިރުސް މަސްދަޅުވެސް ތަޢާރަފްކޮށްފައެވެ. މި ބާވަތްތަކަށްވެސް ގިނަ ބައެއްގެ މަޤުބޫލުކަން ވަނީ ލިބިފައެވެ. މި ދެ ބާވަތާއި މިރޭ ތަޢާރަފްކުރި "ހޮޓް ޗިލީ" މަސްދަޅަކީ ފަސްމީރު "ހޮޓް ޕެކް" ގައި ހިމެނޭ ވައްތަރުތަކެވެ.