\ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ޚިދުމަތް ރ. މަޑުއްވަރީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގުން ބުނީ، އެ ކުންފުނިން މަޑުއްވަރި އަށް މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި އަދި ވަކިން ޚާއްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނޭކަން ފާހަގަކުރަމުން ދިރާގުން ބުނީ، މިއީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ތައާރަފްކޮށްފައިވާ ޕެކޭޖްތަކެއް ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުން ފޯރުކޮށްދޭއިރު، މިހާރު މަޑުއްވަރީ ކަސްޓަމަރުންނަށްވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގު ފައިބަރ ނެޓްވޯކް ފުޅާކޮށް ވީހާވެސް ގިނަ ރަށްތަކަށް މި ޚިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމާއި، ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 61 ރަށް ހިމެނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންސޮޮރު

    ދިރާގު އިންޓަނެޓް ހައިސްޕީޑު ވީ ކޮންއިރަކުބާ؟