މެޓްރޯ ފްލެކްސް ޖިމް މެންބަރުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާޢި، ދުޅަހެޔޮ ދިރިއުޅުމެއްް ފޯރުކޮށްދިނުމަށް ކެލޮރީ ކައުންޓާއާއެކު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފިއެވެ.

މިރޭ ކެލޮރީ ކައުންޓާގައި އޮތް ކުޑަ ހަފްލާއެއްގައި މި އެއްބަސްވުމުގައި މެޓްރޯ ފްލެކްސް ޖިމްގެ ފަރާތުން ސޮއިކުރެއްވި މެޓްރޯ ފިޓެނެސް ގްރޫޕްގެ ޑައިރެކްޓަރ އަހުމަދު ޒިޔާންއެވެ. އަދި ކެލޮރީ ކައުންޓާގެ ފަރަތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ ތަނުގެ ޑައިރެކްޓަރ އިންފާޒް ފާއިޒްއެވެ.

ޒިޔާން ވިދާޅުވީ، މި ވެވުނު އެއްބަސްވުމާއެކު އެ ޖިމުގެ މެންބަރުންނަށް ޑިސްކައުންޓް އަގެއްގައި ކެލޮރީ ކައުންޓާގެ މީލް ޕްލޭންތައް ލިބޭނެ ކަމަށެވެ. އަދި މިތަނުން އެ މެންބަރަކު ބޭނުންވާ ވައްތަރެއްގެ މީލް ޕްލޭނެއް ހަދާދޭނެކަމަށްވެސް ޒިޔާން ވިދާޅުވިއެވެ.

"މީހަކު ބޭނުންވެދާނެ އޭނާގެ ޕްރޮޓީން އިންޓޭކް ކުރަން. އަނެކަކު ބޭނުންވެދާނެ މީހެއްގެ ކެލޮރީ އިންޓޭކް ކުރަން. އެ މީހަކު ބުނާގޮތަށް މީލް ޕްލޭން ހަދައިދޭނެ މިތަނުން". ޒިޔާން ވިދާޅުވިއެވެ.

މެޓްރޯ ފްލެކްސްއަކީ މީގެ ދެ އަހަރު ކުރިން ޖިމްގެ ޒަރިއްޔާއިން، ބޮޑީ ފިޓްނެސް އާއި، ސިއްހަތު ރަނގަޅު ލައިފް ސްޓައިލެއް މީހުންގެ ދިރުއުޅުމަށް ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޖިމެކެވެ. މި ޖިމުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރޭގައި ސްކޫލް ކުދިންނާއި، ޔުނިވާސިޓީގެ ކުދިންނާއި، އަދި ކޯޕަރޭޓްސް ވެެސް ހިމެނެއެވެ.

ކެލޮރީ ކައުންޓާއަކީ ސްރީލަންކާގެ ފްރެންޗައިސްއެކެވެ. މިއީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ސިއްހަތު ރަނގަޅު ކާނާ ފޯރުކޮށްދޭ ރެސްޓޯރެންޓެވެ. މިތަނަނުން ތައްޔާރުކުރާ ކާ ތަކެއްޗަކީ ތެލާއި، ހަކުރާއި، ބަޓާ ބޭނުން ނުކޮށް ތައްޔާރު ކުރާ ކާނާއެއެވެ.