މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 105 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީގެކުރީގެ ކުއާޓަރާ އަޅާ ބަލާއިރު އެކުންފުންޏަށް މިކުއާޓަރުގައި ވަނީ 10 މިލިއަން ރުފިޔާ ދަށްވެފައެވެ. ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ 114 މިލިއަން ރުފިޔާ ލިބިފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާ ދަށްވިއިރު އާމްދަނީ ވެސް މިދިޔަ ކުއާޓަރަށްވުރެ މި ކުއާޓަރުގައި ވަނީ ދަށްވެފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް 1.29 ބިލިއަން ރުފިޔާ ލިބުނުއިރު ފުރަތަމަ ކުއާޓަރުގައި ވަނީ 2.5 ބިލިއަން ރުފިޔާ އެކުންފުންޏަށް ލިބިގެން ގޮސްފައެވެ.

އެންމެ ބޮޑަށް އެކުންފުންޏަށް އާމްދަނީ ދަށްވެފައި ވަނީ ތެލުގެ ވިޔަފާރިންނެވެ. ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 1.7 ބިލިއަން ރުފިޔާ ތެލުގެ ވިޔަފާރިން އެކުންފުންޏަށް ލިބުނު ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބުނީ 629 މިލިއަން ރުފިޔާއެވެ.

އެސްޓީއޯ އަކީ ކޮވިޑް-19 އާއި ގުޅިގެން ވެސް ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. ސަރުކާރުގެ އެހެން ކުންފުނިތަކާއި ހިލާފަށް އެކުންފުންޏަކީ ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏަކަށްވާއިރު ރައްޔިތުންނަށް ބޭނުންވާ ބޭހާއި އަދި ކާޑުގެ ބާވަތްތައް ވެސް އެކުންފުނިން އަންނަނީ ވިއްކަމުންނެވެ. އެކުންފުނިން ބުނެފައިވަނީ އެތަކެތި އެއްވެސް ދައްޗެއް ނެތި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު