މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އައު ކުންފުނިތަކުން މަސް ގަތުމުގެ ހުއްދަ ދިނުމުގެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މިމަޝްރޫއުގެ މަޤްޞަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެމަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާމަހުން އަގު އެއްކުރި އުފެއްދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މިމަޝްރޫޢުގެ ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދަ އަށް އެދި ޕްރޮޕޯސަލް ހުށަހަޅަންޖެހޭގޮތުގެ ގައިޑްލައިން، ސަރުކާރު ރަސްމީ ގަޑީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މިމަޝްރޫޢުއަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީ ގަޑިތަކުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ކައުންޓަރުންނެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ޕްރޮޕޯސަލް ހުށަހަޅާއިރު ކޮންމެ ދުވަހަކު ގަނެވޭނެ މަހުގެ އަދަދާއި، މަސް ގަންނަ ކާރުހާނާ ހަދާނެ ތަނަކާއި، މަސް ގަތުމުގެ މަސައްކަތް އިތުރަށް ފުޅާކުރާނެ ގޮތުގައި ޕްލޭނެއް ހުށަހަޅަން ޖެހޭނެއެވެ. އޭގެ ތެރޭގައި މަސް ގަތުމަށް ބޭނުން ކުރާ ބޯޓު ފަހަރު އިތުރު ކުރާނެ ގޮތުގެ ޕްލޭންތައް ވެސް ހިމެނެއެވެ.

މިމަޝްރޫޢަށް ކުރިމަތިލާ ކުންފުނިތަކުން އިންވެސްޓް ކުރަން ނިންމާފައިވާ އަދަދެއް ވެސް ޕްރޮޕޯސަލް ގައި ހިމަނަން ޖެހޭނެއެވެ. އަދި މަސް ގަންނަން ފެށުމަށް ފަހު މަހުން އުފައްދާނެ ތަކެތީގެ ތަފްސީލްތައް ވެސް ޕްރޮޕޯސަލްގައި ހިމަނަން ޖެހޭނެއެވެ.