ރާއްޖޭގައި އެންމެ ފުޅާކޮށް ފިނިކުރި ކާބޯތަކެތީގެ ބާވަތްތައް ވިއްކަމުން އަންނަ ކުންފުންޏެއް ކަމަށްވާ ކުކުޅު ފިހާރައިން ރާ ޝޯ ރޫމެއް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހުޅުވައިފިއެވެ.

ކުކުޅު ފިހާރައިން ބުނީ، އެ ކުންފުނީގެ ފިހާރައެއް އައްޑޫ ސިޓީގައި ހުޅުވީ އެ ސަރަހައްދުގައި ގުޅިފައިވާ ރަށްތަކަށް ފަސޭހަ ކަމާ އެކު، ފިނިކުރި ކާބޯތަކެތި ފޯރު ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މި ޝޯ ރޫމް ސަބަބުން، އައްޑު އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީގެ ގިނަ ރައްޔިތުންނަށް ތާޒާކަމާއެކު އަގުހެޔޮކޮށް ފިނި ކުރި ތަކެތި ލިބޭނެ ކަމަށް ވެސް ކުކުޅު ފިހާރައިން ބުންޏެވެ.

ހިތަދޫގައި ހުޅުވި ކުކުޅު ފިހާރައިގެ ޝޯ ރޫމް ހުންނާނީ ހިތަދޫ ބުރި ކެޑަ މަގު ޒިގްޒެގް ގަރާޖު ކުރިމަތީގައެވެ. މި ޝޯރޫމަކީ އަތޮޅުތެރޭގައި ހުޅުވި ދެވަނަ ޝޯރޫމެވެ.

މާލެ އާއި ހުޅުމާލޭގައި އެ ކުންފުނީގެ ތިން ފިހާރަ ވަނީ ހުންނައިރު އަތޮޅު ތެރެއިން ދެން ކުކުޅު ފިހާރަ ޝޯ ރޫމެއް ހުންނަނީ އއ. ތޮއްޑޫގައި އެވެ.

ކުކުޅު ފިހާރައިން ބުނީ އިތުރު އަތޮޅުތަކުގައި އެކުންފުނީގެ ޝޯ ރޫމްތައް ހުޅުވަން މަސައްކަތް ކުރަމުން ދާކަމަށެވެ.

ކުކުޅު ފިހާރައިން ވަނީ އެ ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކުން ވެސް ފަށައިފަ އެވެ. މި ހިދުމަތާއެކު އެ ފިހާރައިން ވަނީ ހާއްސަ އޮފާއެއް ވެސް ހޯލްސޭލް ކަސްޓަމަރުންނަށް ހުޅުވާލައިފަ އެވެ. އެގޮތުން، ހޯލްސޭލް ހިދުމަތް ހޯދާ ކޮންމެ 100 ވަނަ ކަސްޓަމަރެއްގެ ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން ވެސް ހޯލްސޭލަރުންނަށް 20-30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް އެ ފިހާރައިން އަންނަނީ ދެމުންނެވެ.

ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެމުން ދެއެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. އަދި 500ރ. މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު