މާލޭގައި އަލަށް ހުޅުވި "ޔޫތް ބަޒް"އަކީ ޒުވާނުންނަށް ކަމުދާ ފަދަ ރަހަތައް ލިބޭ ތަފާތު ރެސްޓޯރެންޓެކެވެ. އެތަނުގެ އިންޓީރިއާ ޑިޒައިނުން ފެށިގެން ކާތަކެތީގެ މީރު ރަހަތަކާއި، ޚިދުމަތުގެ ފެންވަރަށް ބަލާލިޔަސް ހައްތަހާ ވެސް ހުރީ ހިތްހަމަޖެހޭނެ ފަދަ ރަނގަޅު، ކަންކަމެވެ.

ބުރުޒު އަދި ޕޮލިޓެކްނިކުން ކުރިއަށް ގެންދާ މިތަނަކީ އެކުގައި ވަގުތު ހޭދަކުރަން ބޭނުންވާ ރަހުމަތްތެރިންނާއި، ޚާއްސަ ދުވަސްތައް ފާހަގަކޮށްލަން އަދި ސްޓަޑީއައުޓް ފަދަ ކަންކަމަށްވެސް ވަރަށް ކަމުދާނެ ފަދަ ތަނެއްކަން ޔޫތު ބަޒްގެ ސީނިއާ މެނޭޖަރު ހަސަން މުހައިމިން ވަނީ ފާހަގަކުރައްވާފައިވެެއެވެ.

ޔޫތް ބަޒް ރެސްޓޯރެންޓް. --- ވަގުތު އިމޭޖެސް:- އަހްމަދް އަލީ

" ޕޮލިޓެކްނިކުން ހިނގާ ކްލާސްތަކަށް އެއްބާރުލުން ދިނުމާއި ޕްރެކްޓިކަލް އަށް ކުދިންނަށް ބަދިގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން. މިތަނަކީ ޔޫތުންނަށް ޚާއްސަ ތަނެއް. ޕޮލިޓެކްނިކްވެސް ޚާއްސަ ވަނީ ޔޫތުންނަށް." އޭނާ ވިދާޅުވިއެވެ.

ޔޫތްބަޒް އަށް ދާ ކަސްޓަމަރުންނަށް މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ހެނދުނު 8:00 އިން 9:00 އަށް 10 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

https://www.instagram.com/p/CDyQFTVBuBM/?igshid=1p8lu5q6rcvau

މެނޫއިން ގެނެސްދެނީ ތަފާތު، ކޮލިޓީ، ޖީބަށް ލުއި ރަހަތަކެއް!

ޔޫތް ބަޒް އިން ތައްޔާރުކޮށްފައިވާ ކެއުމެއް. --- ވަގުތު އިމޭޖެސް:- އަހްމަދް އަލީ

ޔޫތް ބަޒްގެ މެނޫގައި ހިމެނޭ ކެއިން ބުއިމުގެ ބާވަތްތަކަކީ، އަނގަޔަށް މީރު ޖީބަށް ލުއި ބާވަތްތަކެކެވެ. ޒުވާނުންނަށް ކަމުދާނެ ފަދަ ތަފާތު ރަހަތަކާއި އެކު ތައްޔާރުކޮށްފައިވާ އެ މެނޫގައި ދިވެހި ރަހަތައް ވެސް ކޮންމެވެސް ވަރަކަށް ހިމެނެއެވެ.

ޔޫތު ބަޒްގެ ހެޑްޝެފަކީ ގާތްގަނޑަކަށް 20 އަހަރު ދުވަހު ރިސޯޓް ދާއިރާގައި މަސައްކަތް ކުރި މީހަކަށް ވާއިރު، އޭނާގެ އުންމީދަކީ ދިވެހިންނަށް ތަފާތު ދެވަނަ ފަހަރު ތަޖުރިބާކޮށްލަން ބޭނުންވާނެ ފަދަ ތަފާތު ރަހަތަކެއް ފޯރުކޮށްދިނުމެވެ.

އެތަނުގައި ތައްޔާރު ކުރާ ކާބޯތަކެތީގެ ކޮންމެ އައިޓަމަކީ ވެސް ލޯތްބާއެކު ތައްޔާރު ކުރާ އައިޓަމެކެވެ. އަދި މި ޒަމާނަކީ ޒުވާނުން ކާބޯތަކެތީގެ ފޮޓޯ ނަގާ، އިންސްޓަގްރާމް، ފޭސްބުކް އަދި ސްނެޕްޗެޓް ފަދަ މީސްމީޑިއާގައި ޝެއާކުރާ ޒަމާނަކަށް ބަލާއިރު، ޔޫތްބަޒްގެ ޑިޝްތައް ގާނިޝްކޮށް ޕްރެޒެންޓްކޮށްއި ހުންނަނީ އެ ފެނުމުންވެސް ކާހިތްވާހާ ޗާލުކޮށެވެ.

ޕޯޝަންގެ ގޮތުން ބަލާއިރު ވެސް މިތަނުގެ ޑިޝްތައް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

" ޝެފް ބުނާނީ މިތަނުގެ ރަހަތައް ތަފާތު ވާނެއޭ އަންނާށޭ ހަމަ ބަލާލަން. ތަފާތު ވާނެ އިންގްރީޑިއެންޓްސްވެސް. އަދި ވަރަށް ހެލްތީވެސް ވާނެ." ޝެފް ބުންޏެވެ.

ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭ- އާއިލާ ގޮވައިގެންދާން މިވަރެއް ނެތް!

ޔޫތް ބަޒް ރެސްޓޯރެންޓް.--- ވަގުތު އިމޭޖެސް:- އަހްމަދް އަލީ

ޔޫތް ބަޒްއަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށް ހިތްގައިމު، ހިތްހަމަޖެހޭ ފަދަ މާހައުލެއް އޮތް ތަނެކެވެ. މިތަނުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެތަން ހުރިތަނެވެ. ޕޮލިޓެކްނިކްގައި ގާއިމްކޮށްފައިވާ ޔޫތް ބަޒް ހުންނަނީ ކާރުބާރު ކުޑަ ސަރަހައްދެއްގައެވެ.

މާލޭގައި މިފަދަ މާހައުލެއް މިހާރު ފެންނާނީ އިނގިލިން ގުނާލެވޭހާ މަދު ތަނެއްގައެވެ. މިތަނުގައި އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރެވުމާއި އެކު މިއީ އާއިލާ އާއި ރަހުމަތްތެރިން އެކުގައި ވަގުތު ހޭދަކޮށްލަން ދުޅަހެޔޮ ހިތްފަސޭހަ ތަނެކެވެ. އައުޓްޑޯ އާއި އިންޑޯގައި ވެސް ތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ މިތަނުގެ އިންޓީރިއާވެސް އަޖާއިބުވާހާ ރީއްޗެވެ.

ޔޫތް ބަޒް. --- ވަގުތު އިމޭޖެސް:- އަހްމަދް އަލީ

އެންމެ ފުރަތަމަވެސް ތަނަށް ވަނުމުން އަޅައިގަންނަނީ ހުދު ފާރުތަކުގައި ކުރަހާފައިވާ ތަފާތު ކުރެހުންތަކާއި، ލިޔުންތަކެވެ. ދިވެއްސާއި އިނގިރޭސިން ލިޔެފައިވާ އަކުރުތަކަށް ގާތުން ސަމާލުކަން ދިނުމުން އެނގެނީ އެތަނުގައި ލިޔެފައި ހުރީ ކެއިންބުއިމާއި ޒުވާނުންނާއި ގުުން ހުރި ބަސްތައް ކަމެވެ. ބަލާ ބެލުމަށް ސާދާ މަސައްކަތެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިއީ ކަވި، ހުނަރުވެރި ދިވެއްސެއްގެ މަސައްކަތެވެ.

އެހެންކަމުން ހުރިހާ ގޮތަކަށް ބަލާއިރު ވެސް މިތަނަކީ އަޖުމަ ބަލާނުލާ ދޫކޮށްލާވަރުގެ ތަނެއް ނޫނެވެ.