ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރުމަށްފަހު އަލުން ހުޅުވައި ހިދުމަތް ދެމުންދާ ރިސޯޓުތަކުގެ ތެރެއިން ކޮވިޑް-19ގެ ސުންކު (ސާމްޕަލް) ނުނެގޭނެ އެއްވެސް ރިސޯޓެއް މިވަގުތު ނޯންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން "ވަގުތު" ވިދާޅުވީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އަނބުރާ ގައުމަށް ދިއުމަށް ފުރާ ފަތުރުވެރިންގެ ކޮވިޑް-19 ސުންކު ނެގުމުގެ އިންތިޒާމު އެކި ގޮތްގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ރައްޒާން ވިދާޅުވީ، މީގެ ކުރިން ބައެއް ރިސޯޓުތަކުން ކޮވިޑް-19ގެ ސުންކު ނުނެގެނީ އެތަނުގައި އެ ވަސީލަތްތައް ނެތުމުންނާއި، އެތަނުގައި ތިބޭ މެޑިކަލް ބޭފުޅުންނަށް އެކަން ކުރަން ނޭނގޭތީ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަމުގެ ތަމްރީނުތަކެއް ދީފައިވާ ކަމަށް ރައްޒާން ވިދާޅުވިއެވެ.

"ހެލްތް މިނިސްޓްރީ އާއި ގުޅިގެން ބޭއްވި ތަމްރީނު ޕްރޮގްރާމްގައި މިހާތަނަށް 42 ރިސޯޓަކުން 60 މީހަކަށް ވަނީ ސުންކު ނަގާނެ ގޮތުގެ ތަމްރީނު ފޯރު ކޮށްދެވިފައި" ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުން އޮތީ ފުރާ ފަތުރުވެރިންގެ ސުންކު ނުނެގޭތީ ނޫން ކަމަށާއި އެކަމަކީ އެއީ ނަތީޖާ ލަސްވުމުން ދިމާވާ ކަމެއް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މިހާރު 3 ގޮތެއް ހަދާފައިވާ ކަމަށް ރައްޒާން ވިދާޅުވިއެވެ.

"އައިޖީއެމްއެޗްއަށް ވަކި ވަރަކަށް ސުންކު މި ފޮނުވަނީ ޓެސްޓް ކުރަން. ގެންދިއުމުގައި ދަތިތަކެއް ދިމާވާނެތީ، މިހާރު ވަނީ ސީޕްލޭން އޮޕަރޭޓަރުންނާއި ވާހަކަ ދެކެވިފައި. އެހެން ކަމުން އެގޮތަށްވެސް ފަސޭހަވާނެ. މީގެ އިތުރުން އަތޮޅުތެރޭގައި ހުންނަ ކަލެކްޝަން ތަންތަނަށްވެސް މިހާރު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި" ރައްޒާން ވިދާޅުވިއެވެ.

މިހާރު ހުރިހާ ރިސޯޓަކުން ސުންކު ނެގޭ ކަން ފާހަގަ ކުރަމުން ރައްޒާން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ހުޅުވާ ރިސޯޓުތަކުވެސް ސުންކު ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާ ހުންނާނެ ކަމަށެވެ.

މީގެއިތުރުން އެސްޓީއޯ މެދުވެރިކޮށް ޓެސްޓު ކިޓުތައް ރިސޯޓްތަކަށް ވެސް ލިބެން ހުންނާނެ ކަމަށްވެސް ރައްޒާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    އަޅުގަނޑުގެސުވާލަކީ މިތަނުންކޮބައިތޯއޭ ރައީސުލްޖުމްހޫރިއްޔާއަކީ ؟؟ އިބޫއަކީ މުޅިރާއްޖޭގަ ރައްޔިތުންނިކުމެ ވޯޓުލައިގެން އޭގެތެރެއިން ގިނަބައެއްގެވޯޓުން ހޮވާފަހުރިބޭފުޅެއް ! ދެންތިހުރީ ހަމައެކަނި މާލޭގެސަރަހައްދަކުންހޮވިފަހުރި ފަރާތެއް!! މިހާރަކަށްއައިސް އަޅުގަނޑުމެންނަށްހީވާކަހަލަ މަޖިލީހުގެމެމްބަރަކަށްހޮވޭމީހަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއޭ ؟؟