ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވާލި ފަހުން މިއަދާއި ހަމައަށް ރާއްޖެ އައިސްފައި ވަނީ 4000 އަށްވުރެ ގިނަ ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި 15 ގައެވެ. ބޯޑަރު ހުޅުވާލިތާ މިއަދަށް އެއް މަސް ދުވަސް ވަނީ ވެފައެވެ. އެހެން ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ގިނައެއް ނުވެއެވެ.

ކުރިން މަހެއްގެ މައްޗަށް އެތައް ހާހުން ފަތުރުވެރިން އަންނަ ރާއްޖެއަށް ކޮވިޑް-19 އާއި ހެެދި އަންނަ ފަތުރުވެރިންގެ އަދަދުތައް މި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 4806 އެވެ.

"ޕީއެސްއެމް" އަށް މައުލޫމާތުދެމުން އިމިގްރޭޝަނުން ވިދާޅުވީ، އޮގަސްޓް 13 އާ ހަމައަށް ރާއްޖެ އައީ 4806 ފަތުރުވެރިން ކަަމަށާއި،މީގެތެރޭގައި ހިމެނެނީ ޖުލައި މަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއައި 3054 ފަތުރުވެރިން ކަމަށެވެ.

ދުނިޔޭގެ އެތައް މިތަނުން ފަތުރުވެރިން އަންނ،ަ ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ސީޒަން ކަމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވުމަކީ ގާތް ކަމެކެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ރިސޯޓްތަކުން ހިދުމަތް ފަށައިގަންނައިރު، ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ވެދާނެ ކަމަށް ބެލެވެއެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހަ ފަތުރުވެރިއެކެވެ.