ފާއިތުވި ޖުލައި މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 49 އިންސައްތަ ވަނީ ދަށްވެފައި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރު ޖުލައި މަހު ލިބިފައި ވަނީ 1.9 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އެހެން ނަމަވެސް، ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 0.6 އިންސައްތަ ވަނީ އިތުރުވެފައެވެ. 2019 ވަނަ އަހަރުގެ ޖުލައި މަހު 292 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 293 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮމާން، އިންޑިއާ އަދި ޗައިނާ ހިމެނެއެެވެ. އެގޮތުން އޮމާން އިން 329 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 295 މިލިއަން އަދި ޗައިނާ އިން 256 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ.