ގޭތެރެ އަށް ބޭނުންވާ ތަފާތު ސާމާނު ވިއްކުމުގައި ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަތަހަ ކުންފުނީގެ ޒަމާންވި އަދި މަޝްހޫރު ފިހާރަ "ފަތަހަ ސްޓަރ" މަރާމާތަށްފަހު އަލުން ރޭ ހުޅުވައިފިއެވެ.

އޯކިޑްމަގުގައި ހުންނަ ފަތަހަ ސްޓަރ މިފަހަރު ހުޅުވިއިރު، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ތަކެތި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ، ގަސް އިންދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށް ގަސްބަހައްޓާ ސްޓޭންޑާއި، ގަސް އިންދުމަށް ބޭނުން ކުރާ ޕޮޓް، އާރޓިފިޝަލް އަދި ޕްލާސްޓިކް ގަސް ޕޮޓްވެސް އެފިހާރަ އިން ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، އެ ފިހާރައިން އަލަށް ޤުދުރަތީ ގަސްވެސް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

ފަތަޙަ ސްޓަރ މަރާތަށް ބަންދުކުރީ މި އަހަރު ޖެނުއަރީ ހަ ވަނަދުވަހު އެވެ. މި ފިހާރަށް މަރާމާތަށްފަހު ހުޅުވުމަށް ނިންމާފައިވަނީ ރަމަޟާން މަސް ތެރޭގައެވެ.

އެ ކުންފުނިން ބުނީ، ފަތަހަ ސްޓާރ ހުޅުވުން ލަސްވެގެން ދިޔައީ، މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19އާއި ގުޅިގެން ރާއްޖެ ފުރަބަންދަކަށް ދިއުމުންނާއި، ރާއްޖެއިން ބޭރުން މަރާމާތަށް ބޭނުންވާ ސާމާނު ގެނައުމުގައި ދިމާވި ދަތިތަކާއި ގުޅިގެން ކަމަށެވެ.