އިއްޔެއިން ފެށިގެން ވެމްކޯއިން މި ރަމަޟާން މަހު ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮއަގުގައި ކާށި، ކުރުނބާ އަދި ގަބުޅި ވިއްކަން ފަށާފައިވާ އިރު އެ ބާޒާރާށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ..

އެގޮތުން އިއްޔެއާއި މިއަދު ތިނަކާއި ދެމެދުގެ ވަގުތުތަކުގައި ވަނީ 275 ކާށި އާއި 274 ކުރުނބާ އަދި 132 ގަބުޅި ވިކިފައެވެ.

މީހަކަށް ކޮންމެ ވައްތަރަކުން 10 އެތި ގަނެވޭއިރު މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ހެޔޮއަގުގައި މި ތަކެތި ފަސޭހަކަމާއިއެކު ގަނެވޭނެ އިންތިޒާމް ވެމްކޯއިން މިވަނީ ހަމަޖައްސާފައި އެވެ.

ވެމްކޯ އިން ބުނީ ކާށްޓެއް 5 ރުފިޔާއަށް ލިބޭނެ ކަމަށާއި ގަބުޅި އަދި ކުރުނބާ 12 ރުފިޔާއަށް އިންޑަސްޓްރިއަލްއިން ލިބެން ހުންނާނެ ކަމަށެވެ. އަދި ހެނދުނު 10:00 އިން ހަވީރު 5:00 އަށް އަދި ރޭނގަޑު 9:00 އިން 11:00 އަށް މި ތަކެތި ލިބެން ހުންނާނެ ކަމަށް ވެމްކޯ އިން މައުލޫމާތު ދެއެވެ.

ރޯދަމަހަކީ ކާށި، ކުރުނބާ އަދި ގަނބުޅީގެ އަގު އާދަޔާ ހިލާފަށް ބޮޑުވާ މަހަކަށްވުމުން ރައްޔިތުންނަށް ލުއިގޮތަކަށް މިތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ.

ވެމްކޯއާއި ފިޝަރީޝް މިނިސްޓްރީ ގުޅިގެން ފެށި މިމަސައްކަތްތަކަކީ ހެޔޮއަގުގައި ކާބޯތަކެތި ރައްޔިތުންނާއި ހަމައަށް ވާސިލްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަދި މި ރޯދަމަހުގައި ހުރިހާ ބާވަތެއްގެ ކާބޯތަކެތީގެ އަގު ކުޑަކޮށް ލުއި ފަސޭހަގޮތެއްގައި މި ތަކެތި ލިބޭނެގޮތް އިންތިޒާމް ސަރުކާރުންދަނީ ހަމަޖައްސަމުންނެވެ.