ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ "އަރބަން ފަރމިންގ" ދަނޑުވެރިކަމުގެ ޕްރޮގްރާމްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ފެށުމަށް ތައްޔާރުވަމުންދާ ދަނޑުވަރިކަމުގެ ޕްރޮގްރާމް، "އަރބަން ފަރމިންގ"އަކީ އެޗްޑީސީ)އާއި ޔޫއެންޑީޕީއާއި ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެޗްޑީސީން ވިދާޅުވީ މިފަދަ ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމީ، ހުޅުމާލޭގައި ދިރިއުޅޭ މީހުން ޢާއިލާ ކައިރީގައި ތިބެގެން އިތުރު އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ މި ޕްރޮގްރާމްގެދަށުން 16 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިހާރު މިކަމުގެ ޢަމަލީ މަސައްކަތްތައް ސައިޓްގައި ކުރިއަށްދާކަމަށާ، ޕްލޮޓްތައް ލިބޭ މީހުންވެސް ވަރަށް އަވަހަށް ހޮވާނެކަމަށް ސުޙައިލް ވިދާޅުވިއެވެ.

"ޕްލޮޓްތަކުގެ ފެންސް ޖެހުމުގެ މަސައްކަތް ފަށައިފިން. އަންނަ މަހުގެ ޕްލޮޓްތައް ލިބޭ މީހުން ހޮވުމުގެ މަސައްކަތް ފަށާނެ. މި ބަލަނީ އަންނަ އަހަރުގެ ކުރީކޮޅު ދަނޑުވެރިކަން ކުރަން ފެށޭނެކަމަށް." ސުހައިލް ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރުމަށް 600 ފޫޓުގެ 16 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިކަމަށްޓަކައި ހުޅުމާލެއިން ޚާއްސަކޮށްފައިވާ ވަކި ސަރަޙައްދަކުންނެވެ. އެޗްޑީސީން ވިދާޅުވީ ޕްލޮޓްތައް ލިބޭ ފަރާތްތަކާ ޙަވާލުކުރާނީ، މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތައް އެ ސަރަޙައްދުގައި ހަމަޖެއްސުމަށް ފަހުކަމަށެވެ. އޭގެތެރޭގައި ދަނޑުތަކުގައި ބޭނުންކުރާ ތަކެތި ރައްކާކުރެވޭނެގޮތާއި، ގުދަނާއި، ގަސްކާނާ ވިއްކާ ތަނަކާއި، ފާޚަނައާއި، މަޑުކޮށްލައިގެން ތިބެވޭނެ ތަންތަންވެސް ހިމެނެއެވެ. އަދި ސީޑް އިންކިއުބޭޓަރ ޝެޑެއްވެސް ހުންނާނެއެވެ.

މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް 48 ފަރާތް ހޮވުމަށްވަނީ ހަމަޖެހިފައެވެ. ޕްލޮޓްތަކަށް ދިނުމުގައި %40 ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އަދި ނުކުޅެދުންތެރިކަން ހުނަ މީހުންނާއި ޒުވާނުންނަށް %30 ސްލޮޓްވަނީ ހިމަނާފައެވެ. ބާކީ %30 ސްލޮޓަށް މީހުން ހޮވާނީ ޢާއްމުކޮށް ހުޅުވާލައިގެންނެވެ.

ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ބައިވެރިންނާ ޙަވާލުކުރުމުގެ ކުރިން، ޕްރޮގްރާންގެ ބައިވެރިންނަށް އެޗްޑީސީއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ދަނޑުވެރިކަމާގުޅޭ ތަމްރީނު ދޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މި ޕްރޮޖެކްޓްގެ މަަޤްސަދުތަކުގެތެރޭގައި ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެއްޗަށް ބަރޯސާވާމިންވަރު ކުޑަކޮށް ރާއްޖޭގައި މިފަދަ ވިޔަފާރިތަށް ފުޅާކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އަނެއްކާވެސް ބަންގާޅު މީ ހުންނަށް ވިޔަފާރި ކުރަން ދެވޭ ފުރުސަތު ތަކެއް

  2. އަހްމަދު

    މި ހާރުވެސް ދެ ފުލެޓް ދޭތެރޭ ދަނޑުވެރިކަން ކުރޭ ކި ހިނެއް ކޮންތާކުން ހުއްދަދީގެންބާ. ކުދިން ނުކުމެލާ ކުޅެލާނެ ތަންކޮޅެއްވެސް ނޯވެ

  3. ޓާޓާ

    އިބިލީސްގެ ކައިވެނި ތިކަހަލަ ހުވަފެން ދައްކައިގެން ރައްޔިތުން ތިގެންގުޅެނީދޯ

  4. ހައްސާނުގެ އަލީ

    ތީ ވަރަށް ރަނގަޅު ޕްރޮޖެކްޓް އެއް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ތިތަން ހިއްކަން ޚަރަދުކޮށްފައި ހިންގަން. އެެހެން ވީމަ ރައްޔިތުން މިހާރު ބުނަނީ ޤާބިލް ކަމެއް ނެތޭ. ދުރުވިސްނުމެއް ނެތޭ. އެބަޔަކަށް ވާވަރު ކުރެވޭނީ. ޖަޒީރާ ރާއްޖޭގައި އޮކޭ ދެން ތިކަން ކުރިއަސް. އޭރަށް ވައުދުތައް ފުއްދުނުމަކަށް ބެލެވިދާނެ.

  5. ލަދު

    16 ޕްލޮޓުން ރާކަނިމަސްކެވޭނެ

  6. ޢަލީ

    މީހުން ހޮވާ ވާހަކަ އޮތީ ތިޔަކަމަކަށް ސައުގުވެރިކަން ހުރި މީހުން ހިވުމަށް އިއުލާނެއް ކުރިބާ ނޫނީ ހަމަ ބޭނުން ގޮތަކަށް ބަހާލަނީތޯ

  7. ޙހހހ

    ކޮބާ ބައިވެރިވާންޖެހޭގޮތް ، ތިބުނަނީ އަންނަމަހު މީހުން ހޮވާނަމޭ ، ހަމަ އަތްދޮށުވަޑިންނަށް ބަހަަލަނީތަ