މިދިޔަ އޮގަސްޓު މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮގަސްޓުމަހު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 1.71 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އިންކަމް ޓެކުހަކީ ބޮޑު ޕަސެންޓޭޖެއް ހިއްސާ ކުރާ އެއްޗެކެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 46 ޕަސެންޓަކީ އިންކަމް ޓެކްސް އިން ލިބުނު އާމްދަނީއެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 783 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ.

ދެވަނަ އަށް އެންމެ ގިނައިން ބިޒްނަސް ޕްރޮފިޓު ޓެކުހުގެ ގޮތުގައި އާމްދަނީ ލިބުނުއިރު ބީޕީޓީގެ ގޮތުގައި ދައުލަތަށް 474 މިލިއަން ރުފިޔާ ލިބުނެވެ. މީރާ އިން ބުނާ ގޮތުގައި އެއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 27.8 ޕަސެންޓެވެ.

ތިންވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ ޖުމްލަ އާމްދަނީގެ 17.2 ޕަސެންޓެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 293 މިލިއަން ރުފިޔާ ވަނީ ލިބިގެން ގޮސްފައެވެ.

މިދިޔަ މަހު ދައުލަތަށް މިހާ ގިނައިން އާމްދަނީ ލިބިގެން ދިޔަ ސަބަބެއް ކަމަށް މީރާ އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ލަސްކުރި ޓެކްސް ސުންގަޑިތައް އޮގަސްޓުމަހަށް ހަމަވުން ކަމަށެވެ.