މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދާ މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި ވަރަށްވުރެ 35 ޕަސެންޓު ދަށްވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން 66 ޕަސެންޓު މިދިޔަ އަހަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި 297 މިލިއަން ރުފިޔާ ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުގެ ގޮތުގައި ލިބުނުއިރު މިއަހަރު ލިބިފައިވަނީ 102 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެކްސްޕޯޓު ކުރެވުނު މުދަލަށްވުރެ މިއަހަރު އެކްސްޕޯޓު ކުރެވުނު މުދާ ވެސް ވަނީ ދެ ޕަސެންޓު ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު 256 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއިރު މިއަހަރުގެ އޮގަސްޓު މަހު އެކްސްޕޯޓު ކޮށްފައިވަނީ 251 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް މިއަހަރުގެ އޮގަސްޓު މަހު އިމްޕޯޓު ކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ 35 ޕަސެންޓު ދަށް އަދަދެކެވެ.

އެންމެ ގިނައިން މުދާ އިމްޕޯޓު ކޮށްފައި ވަނީ ޗައިނާއިންނެވެ. އިމްޕޯޓު ކުރި މުދަލުގެ 20 ޕަސެންޓު ޗައިނާ އިން އިމްޕޯޓުކުރިއިރު ދެވަނަ އަށް އެންމެ ގިނައިން އިމްޕޯޓު ކޮށްފައި ވަނީ އިންޑިއާ އިންނެވެ. އެއީ އިމްޕޯޓު ކުރި މުދަލުގެ 14 ޕަސެންޓެވެ. އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައި ވަނީ ތައިލެންޑަށް އިންނެވެ. އެއީ އެކްސްޕޯޓު ކުރި މުދަލުގެ 42 ޕަސެންޓެވެ. އިނގިރޭސިވިލާތާ ޖަރުމަނުވިލާތަށް ކޮންމެ ގައުމަކަށް 10 ޕަސެންޓު މުދާ ވަނީ އެކްސްޕޯޓު ކޮށްފައެވެ. ި