ކޮވިޑް-19 އާ ހެދި ބަންދުކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ސެޕްޓެމްބަރު މަހު 15ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެެ އައިސްފައިވާ 20،490 މީހުން ކަމަށް ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ އެމްއޭސީއެލް އިން ބުނެފިއެވެ.

ކުރިން އެތައް ހާހުން ރާއްޖެއަށް އަންނަމުންދިޔަ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް މަދުވެފައި ވަނީ ކޮވިޑް-19އާ ހެދި އެވެ. ކޮވިޑް-19 އާ ހެދި އަދިވެސް ބައެއް ގައުމުތައް ހުޅުވާލާފައެއް ނުވެއެވެ. އަދި ބައެއް ގައުމުތައް އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައެވެ.

މިއަދު އެމްއޭސީއެލް އިން އާއްމު ކުރި މައުލޫމާތުތަކަށް ބަލާއިރު، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 20،490 މީހުން އައިސްފައިވާއިރު، ރާއްޖެއިން ފުރި މީހުންގެ އަދަދަކީ 24،225 އެވެ.

އަދި ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް 800 އަށްވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް ރެކޯޑް ކުރެވިފައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަލާއިރު، 7045 މީހަކު މާލެއަށް ދަތުރުކޮށްފައި ވެއެވެ. އަދި 7794 މީހަކު ވަނީ ވެލާނާ އެއާޕޯޓުން ފުރާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތް ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަންނަ މަހުގެ 15 ވަނަ ދުވަހުން އަތޮޅު ތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.