ކޮވިޑް-19 އާ ގުޅިގެން ހުއްޓާލަފައިވާ ގެސްޓް ހައުސް ވިޔަފާރިތައް އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވައިގެން ކުރިއަށްގެންދިއުމަށް ހުއްދަ ދީފައިވާއިރު، ގެސްޓް ހައުސް ވިޔަފާރީގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ކ. މާފުށި އަނެއްކާވެސް ލޯކަލް ޓުއަރިޒަމް އަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަކަމަށް ކައުންސިލުން ވިދާޅުވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ އަލުން ލޯކަލް ޓުއަރިޒަމް އަށް މާފުށި ހުޅުވާލާއިރު އެންމެ މުހިންމު ކަމަކީ ރަށުގައި ފްލޫ ކްލިނިކެއް ގާއިމްކުރެވިފައި ހުރުން ކަމަށާއި، މިހާރު ފްލޫ ކްލިނިކުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑުގައި އަންނަނީ ކުރަމުން ކަމަށެވެ.

އަދި މި މަސައްކަތް ކުރަމުން އަންނަނީ ކައުންސިލާއި ވިޔަފާރިވެރިން ގުޅިގެންކަން އުސްމާން ވަނީ ފާހަގަ ކުރައްވާފައެވެ.

"އެންމެ މުހިންމު އެއް މަސައްކަތަކީ ފްލޫ ކްލިނިކު ގާއިމްކުރުން. ދެން އިރާދަކުރެއްވިއްޔާ ކައުންސިލާ ވިޔަފާރިވެރިން ގުޅިގެން މިހާރު މިދަނީ އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރަމުން" އުސްމާން ވިދާޅުވިއެވެ.

އުސްމާން ވިދާޅުވީ ލޯކަލް ޓުއަރިޒަމް އަށް ހުޅުވާލާއިރު ގެސްޓު ހައުސްތަކާއި އެހެނިހެން ތަންތަނުން އަމަލުކުރަން ޖެހޭ އުސޫލުތައް ޓުއަރިޒަމް މިނިސްޓްރީ އިން ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށާއި، ކައުންސިލުން ވާނީ އެ ޑްރާފްޓުތައް މިހާރު ހުރިހާ ގެސްޓުހައުސްއަކަށްވެސް ފޯރުކޮށްފައި ކަމަށެވެ.

އަދި އެ މިންގަނޑުތަކަށް ގެސްޓު ހައުސްތަކުން އަމަލުކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އުސްމާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އުސްމާން ވިދާޅުވީ ގެސްޓުހައުސްތައް އަލުން ހުޅުވާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް ރާވާފައިވާކަމަށާއި، އޭގެ ތެރޭގައި އަލަށް އަންނަ ފަތުރުވެރިޔާ އަށް ރަށުން ހޫނު މަރުހަބާއެއް ކިއުންފަދަ ކަންކަން ހިމެނޭ ކަމަށެވެ. އަދި މިކަން ކުރާނީ އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފު ނުވާ ގޮތަށް ކަމަށް އުސްމާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށުތެރެ ސާފުކުރުމާއި، ގެސްޓުހައުސްތައް މަރާމާތުކުރުން ފަދަ ކަންކަން ވެސް މިހާރު ކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެެވެ. އަދި ކައުންސިލުގެ އަމާޒަކީ އެންމެން ގުޅިގެން މިކަންކަން ހާސިލްކުރެވުން ކަމަށް އުސްމާން ވިދާޅުވިއެވެ.

މީގެ ކުރިން މާފުށިން ކޮވިޑް-19 ފެނިފައި ވީ ނަމަވެސް މިހާރު ރަށުގައި އެކްޓިވް ކޭސް އެއް ނެތުމުން ރަށުގެ ހާލަތު ވަރަށް ރަނގަޅު ކަމަށް އުސްމާން ފާހަގަކުރެއްވިއެވެ.

އުސްމާން ވިދާޅުވީ ކައުންސިލްގެ އިލްތިމާސްއަކީ ހުރިހާ ގެސްޓު ހައުސްތަކެއްވެސް އަލުން ހުޅުވާއިރު އެޗްޕީއޭގެ ގަވައިދުތަކާއި މިންގަނޑުތަކަށް ކަމޭގިތުން ކަމަށެވެ.